ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ޖުލައި މަހު ފަށަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ފެށޭ ވަރު ވާނެ ކަމުގައި އިންޑިއާ ހައި ކޮމިޝަނާއި ހަވާލާދީ ...

30 Dec 2021 | 07:43

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ފެށޭ ވަރު ވާނެ ކަމުގައި އިންޑިއާ ހައި ކޮމިޝަނާއި ހަވާލާދީ ގަމު ކައުންސިލުން ބުނެފިއެވެ.

ގަމުގައި އަޅަން ނިންމާފައިވާ ކެންސާ ހޮސްޕިޓަލަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާ ޕްރޮޖެކްޓެކެވެ.

ގަމު ކައުންސިލުން ބުނީ އިންޑިއަން ހައި ކޮމިޝަނުން މި މަހުގެ ތެރޭގައި އެ ކައުންސިލާއި ބައްދަލުކޮށް ބުނެފައި ވަނީ ހޮސްޕިޓަލް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނަށް އެދިފައިވާ ކަމުގައެވެ. މީގެ އިތުރުން، ޓެކްނިކަލް ފެސިބިލިޓީ ރިޕޯޓްގެ މަސައްކަތް ނިމުމުން މަސައްކަތް ކުރިއަށްގެންދާނެ ގޮތްތައް ކަނޑައަޅާނެ ކަމުގައި ހައި ކޮމިޝަނުން ބުނެފައިވެއެވެ.

ގަމުގައި ތަރައްޤީ ކުރާ ކެންސަރު ހޮސްޕިޓަލްގައި ކެންސަރު ބަލި ދެނެގަތުމަށްޓަކައި ތަހުލީލުތައްކޮށް، ފަރުވާދީ ރިހިބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ އެވެ. މި މަޝްރޫޢުގެ ދަށުން، ކެންސަރަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ  އަށް މީހުން ބިނާކުރުމުގެ ދަށުން 250 ދިވެހި މުވައްޒަފުންނަށް ތަމްރީން ކުރާނެއެވެ.

މި މަޝްރޫއަށް ފައިސާ ދައްކާ ނިންމަން ޖެހެނީ 20 އަހަރު ދުވަހުގެ ތެރޭގައެވެ. ފައިސާ ދައްކަން ފަށަން ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ދީފައިވާއިރު އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސަންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް