ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަން ހުޅުވަން ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ އޮކްޓޯބަރު މަހު އާބާދުވާން ފެށި ދެ ވަނަ ފިޔަވަހީގައި މިހާރު 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެއާ އެކު ވައްކަމާއި ތަފާތު އެހިނިގެން ކުށްތައް ކުރުން ވަނީ އެތަނުގައި އިތުރުވެފަ އެވެ.
ކުށްތައް ކޮންޓްރޯލް ކުރުމަށް މިހާރުވެސް ދެ ވަނަ ފިޔަވަހީގައި ފުލުހުންގެ ޕޯސްޓެއް ހިޔާ ފްލެޓުތަކުގައި ހަދާފައިވެ އެވެ. އެކަމަކު ކުށްކުރުން ކޮންޓްރޯލް ނުކުރެވޭ ކަމަށް ބުނެ އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.
ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަންއެއް އެޅުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ. އަދި އެތަން އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ ކަމަށް ބުނެ އެވެ.
ފުލުހުން ބުނީ މި ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެގެންދާނެ ކަމަށެވެ. އަދި އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަރަކާތްތެރިވެ ހަމަޖެހޭނެ ކަމަށެވެ.
ފުލުހުން ބުނީ މިހާރުވެސް ދެ ވަނަ ފިޔަވަހީގައި ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ހިންގަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއަކުން ހުށަހެޅޭ މައްސަލަތަަކަށް ބަލާއިރު ގިނައިން ހުށަހެޅެނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތައް ކަމަށެވެ. ވައްކަމުގެ މައްސަލަތަކުން ގިނައިން ހުށަހެޅިފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެން ހުށަހެޅިފައިވާ މައްސަލަތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް