ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރަނީ

ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރަން އިޢުލާންކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މިއީ ދިވެހީން އެކައުންޓަންޓުންގެ ދާއިރާގައި މަސައްކަތް ކު...

30 Dec 2021 | 07:42

ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރަން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މިއީ ދިވެހީން އެކައުންޓަންޓުންގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ތަމްރީނުކުރާ މީހުން ކަމަށެވެ.

މި ސްކޮލަރޝިޕް ތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ ACCA ސްކިލްސް ލެވެލް، ACCA ޕްރޮފެޝަނަލް ލެވެލް، CIMA މެނޭޖްމަންޓް ލެވެލް އަދި CIMA ސްޓްރެޓީޖިކް ލެވެލްެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ކިޔެވުމަށްޓަކާ ރަޖިސްޓަރީ ކުރުމުގެ ފީ އާއި އެނުއަލް ސަބްސްކްރިޕްޝަން ފީ އާއި އެގްޒެމްޕްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޕްޝަން ފީ ސަރުކާރުން ދައްކައިދޭނެއެވެ. އަދި އެގްޒޭމް ފީ އާއި ބުކް އެލަވަންސާއި ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީ ތަކުން ކިޔަވާނަމަ ޓިއުޝަން ފީ ވެސް ދައްކައިދޭނެއެވެ.

މީގެ އިތުރުން މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައިވާ ހުރިހާ ޚަރަދެއް ސަރުކާރުން ދައްކައިދިނުމަށް ވަނީ ނިންމާފައެވެ.

މިޕްރޮގްރާމްގައި ކިޔަވާ ފަރާތްތައް ދެ އަހަރުގެ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. މި ސްކޮލަރޝިޕްގައި ކިޔަވާފަރާތްތައް އެޕްލިކޭޝަން ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 20 ޖެނުއަރީ 2022 އެވެ.

އެކައުންޓަންޓުންގެ ދާއިރާއަކީ ރަނގަޅުއާމްދަނީއެއް ލިބޭ ދާއިރާއެކެވެ. އަދި އަމިއްލަގޮތުން ވެސް މަސައްކަތްކޮށް ރަނގަޅު އާމްދަނީ އެއް ލިބޭ ދާއިރާއެކެވެ.

ވުމާއެކު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭފަރާތަކަށް ވެސް މިޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް އާމްދަނީ ލިބޭނެމަގު ފަހިވެފައިވެއެވެ. މިއީ ދިވެހިންނަށް އަމާޒުކޮށްގެން ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މިހާރު ކިޔަވަމުން ދާފަރާތްތަކާއި މިދާއިރާ އާއި ގުޅުންހުރި ތައުލީމުލިބިފައި ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް ވެވިދާނެ ފަރާތްތަކަށް ވެސް މި ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް