ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ސާވޭއެއް ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީން ބުނީ މި ސާވޭގައި ފަނޑިޔާރުންގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދަނީ ގާނޫނީ ވަކީލުންނާއި ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުންނެވެ. މި ސާވޭ ކުރިޔަށް ގެންދަނީ ސިއްރުންނެވެ.
އޮންލައިންކޮށް ކުރިޔަށް ގެންދާ މި ސާވޭއަށް ހާއްސަކޮށް ޖޭއެސްސީން ވަނީ ފޯމެއް ތައްޔާރުކޮށްފަ އެވެ. މުވައްޒަފުންނާއި ވަކީލުން އެ ފޯމު ފުރުމަށް ފަހު ޖޭއެސްސީއަށް އީމެއިލް ކުރަން ޖެހެނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސާވޭގެ ފުރަތަމަ ބުރުގައި 29 ފަނޑިޔާރެއްގެ ފެންވަރު ވަޒަން ކުރުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ކޯޓުތައް ކަމަށްވާ، ކްރިމިނަލް ކޯޓު، ޖުވެނައިލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު އަދި ސިވިލް ކޯޓެވެ.
މީގެ ތެރޭގައި އެއް ކޯޓު ފިޔަވާ ހުރިހާ ކޯޓެއްގެ ގާޒީންނާއި އިސް ގާޒީ ހިމެނެ އެވެ. އެ ލިސްޓުގައި ނުހިމެނެނީ ފެމިލީ ކޯޓުގެ އިސް ގާޒީ އެވެ.
ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގައި ބަލާނީ ހަތަރު ކަމަކަށެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ މިންވަރާއި ސުލޫކީ މިންގަނޑު ހުރި ގޮތާއި ހާޒިރީ އާއި ސަލާމުގެ ކަންކަމާއި އެ ފަނޑިޔާރެއްގެ ނިންމުން މަތީ މަރުހަލާއެއްގައި ބަދަލުވާ މިންވަރެވެ.
ސާވޭގައި ބައިވެރިވާ ވަކީލުންނާއި ޝަރުއީ ދާއިިރާގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް