އެމްޓީސީސީ ރަށްވެހި ޗެލެންޖު: ފަހުލަވާނު ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

އެމްޓީސީސީ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ސްޕޯރޓްސް ކްލަބް ފަހުލަވާނު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ފައިނަލުގެ ފުރުޞަތު ބޮޑުކޮށްފިއެވެ. މި މެޗު ފަހުލަވާނު ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުނ...

29 Dec 2021 | 19:56

އެމްޓީސީސީ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ސްޕޯރޓްސް ކްލަބް ފަހުލަވާނު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ފައިނަލުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

މި މެޗު ފަހުލަވާނު ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުން އެސް.ޖީ.ސީ ބަލިކޮށްގެންނެވެ.

ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ކައުންސިލުގެ ވޭތުވެދިޔަ ދައުރުގެ މެމްބަރު ޢަބްދުއްލަޠީފު މުޙައްމަދުއެވެ.

މުބާރާތުގައި ކުރިޔަށް ދިއުމަށް އެސް.ޖީ.ސީ އަށް ކޮންމެހެންވެސް މޮޅުވަން ޖެހޭ މެޗަކަށްވުމުން މެޗް ފެށުމާއެކު އެޓީމުގެ ފަރާތުން މޮޅެއް ހޯދުމަށް ބޭނުންވެފައިވާ މިންވަރު ފެނިގެންދިޔައެވެ. މުޅި ޓީމު ކުރިއަށްޖެހި ޙަމަލާތައް އުފައްދަމުން ދިޔައިރު ފަހުލަވާނުގެ ފަހަތުން އެޙަމަލާތައް ދިފާޢުކުރުމުގައި ކުޅުންތެރިންގެ ތޫނުފިލިކަން ފެނިގެންދިޔައެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި އެސް.ޖީ.ސީގެ އަޙުމަދު ޝަބީނަށް ފަހުލަވާނު ޕެނަލްޓީ އޭރިޔާ ކައިރިން ލިބުނު ބޯޅައެއް ހިފައިގެންވަދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށްފަހު ކީޕަރު ބޯޅައަށް އެރުމުން ކީޕަރުކައިރިންވެސް ނައްޓާލުމަށްފަހު އޭރިޔާތެރެއިން ހުސްކޮށް އޮތް ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ގޯލުގެ ރޮނގު މަތިންކަހަލަ ގޮތަކަށް ދިފާޢުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލީ ފަހުލަވާނުގެ ޙުސައިން ޞާރިފްއެވެ. މިއީ މުޅިމެޗުގައިވެސް އެސް.ޖީ.ސީއަށް ލިބުނު އެންމެ ހުސް ފުރުޞަތެވެ.

އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި ފަހުލަވާނުގެ ޕެނަލްޓީ އޭރިޔާތެރެއިން އެސް.ޖީ.ސީގެ އަޒުހާނު ޚަލީލު ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، އަހުމަދު ޝަބީން އޭރިޔާގެ އަރިމަތިން ފޮނުވާލި ބޯޅައެއްވެސްވަނީ ގޯލުގެ މަތީ ދަނޑިއަށް އަމާޒުވެފައެވެ. އެސް.ޖީ.ސީއަށް ގޯލް ޖަހަން ލިބުނު ފުރުޞަތުތައް ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ ކުޅުން ކުރިޔަށް ދިޔަވަރަކަށް އެސް.ޖީ.ސީގެ މައްޗަށް ފަހުލަވާނުން ގަދަވެ މެޗުގެ ކޮންޓްރޯލް އަތުލުމެވެ. އެގޮތުން ފަހުލަވާނުގެ މެދުތެރެއިން ޒައިދުއާއި ނަބީލުގެ ކުޅުން ފާހަގަވެގެން ދިޔައިރު ފަހަތް ބެލެހެއްޓުމުގައި މުޙައްމަދު ނަޞީރުގެ ހުޝިޔާރުކަމާއި ތޫނުފިލިކަން ފެނިގެން ދިޔައެވެ.

ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިމި ދެވަނަ ހާފުގެ ކުޅުންފަށައިގެން ފަހުލަވާނުން ދިޔައީ އެސް.ޖީ.ސީގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއަކަށްވީ މެދުތެރެއިން ދުއްވާލި ބޯޅައެއް ހިފައިގެން ފަހުލަވާނުގެ ކުޅުންތެރިއަކު ޕެނަލްޓީ އޭރިޔާތެރެއަށް ވަންނަން މަސައްކަތް ކުރި ވަޤުތު އެސް.ޖީ.ސީގެ ކުޅުންތެރިޔަކު ކުރި ފައުލަކާއި ގުޅިގެން އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ފަހުލަވާނަށް ލިބުނު ހިލޭޖެހުން ގޯލްތެރެއަށް ފޮނުވާލައިގެން ފަހުލަވާނުން ލީޑު ނެގުމެވެ. ހިލޭޖެހުން ކުރިޔަށް ފޮނުވާލައި 55 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށްދިނީ ފަހުލަވާނުގެ ޖާރޒީ ނަމްބަރު 20 އަޙުމަދު ޒައިދު މުޙައްމަދު ނަޢީމެވެ. އޭގެފަހުން 61 ވަނަ މިނެޓުގައި ފަހުލަވާނު އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ޖާރޒީ ނަމްބަރު 69 މޫސާ ޖަމާލެވެ.

ފަހުލަވާނުން 2 ލަނޑުގެ ލީޑެއް ނެގިފަހުން އެސް.ޖީ.ސީން ލަނޑެއްޖަހާ ފަރަޤު ކުޑަކުރިއެވެ. މެޗުގެ 63 ވަނަ މިނެޓުގައި މިލަނޑު އެސް.ޖީ.ސީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކުރިޔަށްކުޅޭ ޖާރޒީ ނަމްބަރ 10 އަޙުމަދު ޝަބީނެވެ. މިލަނޑާއެކު އެސް.ޖީ.ސީން އަނެއްކާ ވެސް ކުޅުން ރަނގަޅުކޮށް ފުރުޞަތުތަކެއް ތަނަވަސްކުރިތަން ފެނިގެން ދިޔައެވެ. އެސް.ޖީ.ސީން ކުރިޔަށްޖެހުނު ވަޤުތު ފަހުލަވާނަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ.

މިގޮތުން ލިބުނު ފުރުޞަތެއްގެ ބޭނުންހިފާ 78 ވަނަ މިނެޓުގައި ފަހުލަވާނުގެ ކެޕްޓަން ޖާރޒީ ނަމްބަރު 21 ޢާދިލް ޢަލީ ވަނީގޯލެއްޖަހާ ލީޑު ފުޅާކޮށް ދީފައެވެ.  މި މެޗު ނިމިގެން ދިޔައީ މިނަތީޖާއިންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ފަހުލަވާނުގެ މެދުތެރެއިން މޮޅުކުޅުމެއްދައްކާ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އަޙުމަދު ޒައިދު މުޙައްމަދު ނަޢީމެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ މިމަހު 30 ވާ ބްރާސްފަތި ދުވަހު ހަވީރު އެވެ. އެމެޗުގައި ބައްދަލު ކުރާނީ ރޭވަން ސްޕޯރޓްސް ކްލަބާއި ނިލަންދޫ ޔަންގް ޖެނެރޭޝަންއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރއަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް