ގެވެށިއަނިޔާގެ ޤާނޫނު ތަންފީޒުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމަށް ހޯޕް ފޮރ ވިމެން އިން ގޮވާލައިފިއެވެ.
ފިރިމީހާގެ ފަރާތުން ލިބުނުކަމަށް ތުހުމަތުކުރެވޭ ޖިންސީ އަނިޔާތަކުގެ ސަބަބުން ޙާލު ދެރަވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ގދ. ތިނަދޫ ޒިޔާދާ ނަޢީމް ނިޔާވުމާއިގުޅިގެން އެޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ހަދާ މަޖިލީހުން ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރެވޭގޮތް ބަލާ، އެ ޤާނޫން ތަންފީޒުކުރާ މުއައްސަސާތަކަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލު ކުރުމުގައި މިހާރަށްވުރެ އިސްދައުރެއް އަދާކުރުމަށް ގޮވާލާފައެވެ.
އަދި ދައުލަތުގެ ބަޖެޓް ފާސްކުރުމުގައި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫން ތަންފީޒުކުރުމަށް ކަނޑައަޅާ ބަޖެޓަކީ އެކަމަށް އެކަށީގެންވާ ބަޖެޓެއްކަން ކަށަވަރު ކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަށްވެސް އެބަޔާނުގައިވަނީ ގޮވާލާފައެވެ.
2012ވަނަ އަހަރު ފާސްކޮއްފައިވާ ގެވެށިއަނިޔާ ހުއްޓުވުމާބެހޭ ޤާނޫނުން ގެވެށިއަނިޔާއިން ސަލާމަތްވެ ތިބުމުގެ ފުރިހަމަ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިފައިވާ ހިނދު، އެފަދަ މައްސަލަތަކުގައި ހަނުހުރުމުގެ ބަދަލުގައި އަނިޔާ ލިބޭ ފަރާތުން ނުވަތަ އެކަން އިނގޭ ފަރާތްތަކުންވެސް ކަމާގުޅުންހުރި މުއައްސަސާތަކަށް އެފަދަ މައްސަލަތައް ރިޕޯޓުކޮށް އެހީ ހޯދުމާއި އެހީ ހޯދައިދިނުމަކީ ގެވެށިއަނިޔާއިން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެބަޔާނުގައި ގޮވާލާފައިވެއެވެ.
އަދި އަންހެނުންނާއި އަންހެންކުދިންނަށްކުރާ މިބާވަތުގެ ލާއިންސާނީ ޢަމަލުތައް ގިނަވަމުންދާތީ މިފަދަ ޢަމަލުތައް ހުއްޓުވުމަށް އަވަސްފިޔަވަޅު އެޅުމަށް ސަރުކާރުގެ މުއައްސަސާތަކަށް ހޯޕް ފޮރ ވިމެން އިން އިލްތިމާސް ކޮއްފައިވާ އިރު، ޒިޔާދާ ނަޢީމް ނިޔާވި ޚަބަރު އެހީ ނުހަނު ފުންހިތާމަ އާއެކުގައި ކަމަށްވެސް ބުނެފައިވެއެވެ.
ހަމަމިއާއެކު އޭނާގެ ފިރިމީހާ ގދ. ތިނަދޫ އިބްރާހިމް ޝާހުގެ މައްޗަށް ތުހުމަތު ކުރެވޭ އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ޢަމަލު ހިންގި ފަރާތަށް ވީއެންމެ އަވަހަކަށް ޙައްޤު އަދަބު ދިނުމަށްވެސް އެބަޔާނުގައިވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް