ހދ ނެއްލައިދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަނުޖެހިގެން އެރަށު ރައްޔިތުން އިހްތިޖާޖު ކޮށްފިއެވެ.
މިއަދު ހެނދުނު 10:30 ހާއިރު ފެށި މި އިހްތިޖާޖު ނިންމާލާފައިވަނީ ރައްޔިތުންގެ ހަތަރު ޑިމާންޑެއް ކައުންސިލަށް ހުށަހަޅާފަ ކަމަށެވެ.
އެ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ ބޭރުތޮށި ބަނދަރުގެ ދެކުނު ކަނާ ހަމައަށް ބަދަލުކުރުމާ އެކު ބޭރުފައިކަށި ފަންސާސް ފޫޓަށް ދިގު ކުރުމަށާއި ނެރު ކަނޑިންމައަށް ރާޅު ނުވަންނާނެހެން ހެދުމާއި ދެކުނު ފައިކަށި ރަށުގެ ފަސްގަނޑާ ގުޅުވުމުގެ އިތުރުން ބަދަރުގެ ދެކޮޅުގައި ޕޭވްމެންޓް ގާ ޖެހުމަށެވެ. އަދި ބަނދަރުގައި ޖަހާ ލައިޓުތަކުގެ ޢަދަދު 17 ނުވަތަ 20 އިތުރުކޮށް ދިނުމަށްވެސް ރައްޔިތުންވަނީ އެދިފައެވެ.
މީގެ އިތުރުން ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ހެވީ ފޯސްއަށްވެސް ރައްޔިތުންގެ ޑިމާންޑުތައްވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ ޑިމާންޑްތަކަށް ޢަމަލީ ސިފައެއް ނުގެނެސް މަސައްކަތް ކުރިއަށް ދާނަމަ ރައްޔިތުން ނުކުމެ ބަނދަރު ގެ މަސައްކަތަށް ހުރަސް އަޅާނެކަމަށް މިއަދުގެ އިހްތިޖާޖްގައި ރައްޔިތުން ބުނެފައިވާ އިރު، ބައެއް މީހުން ގެންގުޅުނު ޕޯސްޓަރުތަކުގައި ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުގެ އިސްތިއުފާދިނުމަށްވެސްވަނީ ލިޔެފައެވެ.
ނޭކުރެންދޫ ކައުންސިލުން ބުނީ ރައްޔިތުންގެ ޑިމާންޑުތައް މިހާރުވާނީ ސިޓީއަކުން ހައުސިންގ މިނިސްޓްރީއަށާއި ހދ އަތޮޅު ކައުންސިލަށް ހުށަހަޅާފަ ކަމަށާއި އެހެންނަމަވެސް އެއްވެސް ފަރާތަކުން އަދި ޖަވާބު ލިބިފައި ނުވާކަމަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް