ފުލުހުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބަލައި 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވޭ: ސީޕީ

ސުލޫކީ މައްސަލަތަކުގައި މި އަހަރު 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ. މި ސަރުކާރަށް އަހަރެއް ފުރުމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދިން ބަސް...

30 Nov 2024 | 11:53

ސުލޫކީ މައްސަލަތަކުގައި މި އަހަރު 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް އަހަރެއް ފުރުމާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ސީޕީ ޝުޖާއު ވިދާޅުވީ ފުލުހުންގެ ގާނޫނާއި އުސޫލުތަކާއި ގަވައިދުތައް އޮންނަ ގޮތުން އެއީ އެއްވެސް ނުފޫޒެއްގެ ދަށު ނުވެ މަސައްކަތް ކުރާ ގޮތަށް ފަރުމާކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ.

އެހެންވެ، އެ ޚިދުމަތާ ގުޅޭ ކޮންމެ ފުލުހަކީ ވެސް ފުލުހުންގެ ގާނޫނާއި އުސޫލަތަކާ އެއްގޮތަށް ތަރުތީބުވެގެން ޚިދުމަތްދޭ މީހަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެފަދަ ޝަކުވާތަކާ ގުޅިގެން މައްސަލަތައް ބަލައި، އެކަން ކުރާ ފަރާތްތަކަށް ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއިރު، އެ މައްސަލަތަކާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.

"މިއަހަރު އަޅުގަނޑުމެން އޭގެ ތަފާސްހިސާބަކަށް ދާނަމަ ފުލުހުންގެ އެކިއެކި މިސްކޮންޑަކްޓް އަދި މުޖުތަމައުގެ ތެރެއިން ވެސް އަދި ސޯޝަލް މީޑިއާގައި ވެސް ފުލުހުންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބަލައި 50އަށް ވުރެ ގިނަ ފުލުހުންނަށް ފިޔަވަޅު އަޅައިފައިވޭ. އޭގެ ތެރެއިން ވެސް 20 ފުލުހަކު ވާނެ މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަކިކުރެވިފައި،" ސީޕީ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ފުލުހުންގެ މަސައްކަތްތަކަށް ފާރަވެރިވާ މުއައްސަސާތަކުން ހިންގާ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ފުލުހުންނަށް ތަފާތު މައްސަލަތަކުގައި ތުހުމަތުތައްކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓުތައް ދައުރުވަމުން އަންނައިރު، މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، އެ މީހާގެ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއްގައި ފުލުހެއް ޝާމިލްވާ ކަމަށް ބުނެ މިފަހުން ޕޯސްޓުތަކެއް މީގެ ކުރިން ފަތުރައިފައިވެއެވެ.

އަދި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ބުރާސްފަތި ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލައާއި އެ މައްސަލައާ ގުޅުންހުރި އިތުރު ތިން މައްސަލައެއް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް