ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ، "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިއަ މި މަހާސިންތާ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުހައްމަދު ލަތީފް އެވެ.
މި މަހާސިންތާ ނުވަތަ ދަރުބާރަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ނުވަތަ ޤައުމީއްޔަތު ކޮލެޖުގެ ފަރާތުން ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއެވެ. މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ ޢިލްމީ މަހާސިންތާއެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފަށް ދިވެހި ޤައުމިޔަތުގެ ދަރުބާރުގެ ރަމްޒު ވަނީ އަރުވާފައެވެ. މި ރަމްޒު ނައިބު ރައީސަށް އެރުވީ ދިވެހިބަހާ ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރުއެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ، މި މަހާސިންތާއަކީ މިއަހަރުގެ ހުޅަނގު މޫސުމުގެ ދޮށަ ނަކަތުގެ، ޢިލްމީ ދަރުބާރެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ދަރުބާރުގައި އެކި ދާއިރާތަކުގެ ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޢިލްމީ ދަރުބާރުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި ޢިލްމު ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި ދާއިމުވެ އޮތުމާއި، ދިވެހީންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް ދިވެހިރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް