ފުރިހަމަ ތަޙުޤީޤެއް ހިންގައިދިނުމަށްއެދި އެންސްޕާއިން އޭސީސީއަށް

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދުމުގައި ކުރިއަށްގެންގޮސްފައިވާ މަރުޙަލާތަކުގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ވޭތޯ ކަށަވަރުކޮށްދިނުމަށް އެންސްޕާއިން އެންޓި ކޮރ...

30 Nov 2024 | 08:41

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހޯދުމުގައި ކުރިއަށްގެންގޮސްފައިވާ މަރުޙަލާތަކުގައި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ވޭތޯ ކަށަވަރުކޮށްދިނުމަށް އެންސްޕާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިއްޖެއެއެވެ.

މިކަމަށް އެދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސޮއިކުރައްވާ އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ މުއައްސަސާއަކާ ގުޅޭގޮތުންނާއި، މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މަޢުލޫމާތު ފަތުރަމުންދާތީ މިކަމާއި ގުޅޭ ފުރިހަމަ، މިނިވަން ތަޙްޤީޤެއް ވިއެންމެ އަވަހަކަށް ހިންގަވައިދެއްވާ ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ އެ އެޖެންސީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"ވީމާ، މިކަމާއި ގުޅޭގޮތުން ތިޔަ ކޮމިޝަނުން ފުރިހަމަ ތަޙްޤީޤެއް ކުރިއަށްގެންގޮސްދެއްވުމަށްފަހު އެރިޕޯޓް ވީއެންމެ އަވަހަކަށް މިއެޖެންސީއާ ހިއްޞާކޮށް ދެއްވުން އެދެމެވެ." އެ ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލައިގާ ހޫނު ބަހުސެއް އުފެދިގެންގޮސްފައިމިވަނީ ބުރާސްފަތި ދުވަހުގެ ރޭ އިފުތިތާހް ކުރެވިގެންދިޔަ އެމްއެމްޓީވީގެ މަސްޢޫލުވެރި ކުންފުނި މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑުން އެންސްޕާއަށް އޮފީސް ހިންގުމަށް ދެ ފަންގިފިލާއެއް ކުއްޔަށް ދިނުމަށް އެވޯޑްކޮށްފައިވާއިރު ހަމަ އެ އިމާރާތުގެ ދެ ފަންގިފިލާއެއްގައި އެމްއެމްޓީވީ ހިންގަމުން އަންނައިރު މިއީ ކޮރަޕްޝަންގެ ދަށުން މުޅި ހަތަރު ފްލޯގެ ކުލި އެންސްޕާއިން ހަމަޖެއްސުމަށް ހިންގާފައިވާކަމެއްކަމަށްބުނެ އަޑުތައް ފެތުރެން ފެށުމުންނެވެ.

މިކަމާއި ގުޅިގެން އެންސްޕާއިން އިއްޔެ ނޫސްބަޔާނެއްވެސް ނެރެފައިވެއެއެވެ. އެ ނޫސްބަޔާނުގައި އެންސްޕާއިން ބުނެފައިވަނީ އެ އެޖެންސީއާއި ބެހޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށާއި އެ އެޖެންސީ ހިންގަން ޢިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ މާލީ ވުޒާރާއާއި މި އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާ އުޞޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ.

"އެއީ މި އެޖެންސީއާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއް ނޫން، އަދި އެއީ ޢާންމު މަޢުލޫމާތުގެ ގޮތުގައި ހާމަކަންބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަހުރި މަޢުލޫމާތުތަކެއް" އެންސްޕާއިން ބުނެފައިވެއެވެ.

އެންސްޕާއިން ބުނެފައިވަނީ އެ އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކުރެވެމުންދާ ކަންކަން ކަމަށާއި ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ މުއައްސަސާއަކާ ގުޅޭގޮތުންނާއި، އެ މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިއުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް