މަންޓާ އެއާއިން ކުޑަހުވަދޫ ބެންގަލޫރާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

މަންޓާ އެއާއިން ކުޑަހުވަދޫއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވާކަން އެ އެއާލައިނުން ހާމަކުރި މިއަދު އެ އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން މަން...

30 Nov 2023 | 08:45

މަންޓާ އެއާއިން ކުޑަހުވަދޫއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވާކަން އެ އެއާލައިނުން ހާމަކުރި މިއަދު އެ އެއާލައިނުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން މަންޓާއިން ބުނެފައިވަނީ މި ދަތުރުތައް ފަށާނީ އަންނަ ޖަނަވަރީ މަހުން ފެށިގެން ކަމަށާއި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓާއި ދެމެދުގައި ކަމަށެވެ.

މި ދަތުރުތަކުގެ ސަބަބުން ދ. އަތޮޅުގެ ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުނުކޮށް ސީދާ ދާލަށް ދެވި ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް މަންޓާއިން ބުނެފައިވެއެވެ.

ދ. އަތޮޅަކީ ލަގްޒަރީ ރިސޯޓްތައް ގިނަ އަތޮޅެކެވެ. އެގޮތުން ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑީވްސް، ރިއު، ބަގްލިއޯނީ، އަންގްސާނާ ވެލާވަރު އަދި ސަން ޝިޔާމް އިރުވެލި ރިސޯޓް ހިމެނެއެވެ.

މަންޓާ އަކީ 2009 ވަނަ އަހަރު އޮޕަރޭޓްކުރަން ފެށި އެއާލައިނެކެވެ. މަންޓާއިން އަންނަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮމެސްޓިކް އަދި ސީޕްލޭ ދަތުރުތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް