ވޯލްޑް ކަޕް 2022: ޓިއުނީޝިއާ އަތުން ބަލިވިޔަސް ފްރާންސަށް ގްރޫޕްގެ 1 ވަނަ. އޮސްޓްރޭލިއާ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، ޓިއުނީޝިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް 1-0 ގެ ނަތީޖާއިން ބަލިވެއްޖެއެވެ. އެހެން ނަމަވެސް، މިރޭ ޑެންމާކް ބަލިކޮށް ދެވަނ...

30 Nov 2022 | 17:07

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، ޓިއުނީޝިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް 1-0 ގެ ނަތީޖާއިން ބަލިވެއްޖެއެވެ. އެހެން ނަމަވެސް، މިރޭ ޑެންމާކް ބަލިކޮށް ދެވަނަ ބުރު ކަށަވަރުކުރި އޮސްޓްރޭލިއާ އާއި ފްރާންސް ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ފްރާންސަށް ލަނޑުގެ ތަފާތުން ކުރި ލިބޭތީ، އެ ޓީމު ގްރޫޕް ސްޓޭޖް ނިންމާލީ ގްރޫޕް ސީގެ އެއްވަނައިގައި އޮވެއެވެ.

ޓިއުނީޝިއާ މޮޅުވި ނަމަވެސް، 4 ޕޮއިންޓާއެކު އެ ޓީމަށް 3 ވަނަ ލިބުމުން މުބާރާތާ ވަކިވާން ވަނީ ޖެހިފައެވެ. އޮސްޓްރޭލިއާ އަތުން ބަލިވެ، މުބާރާތާ ވަކިވާން ޖެހުނު ޑެންމާކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ފްރާންސް އަދި އޮސްޓްރޭލިއާ އަށް ވެސް ލިބިފައިވަނީ 6 ޕޮއިންޓެވެ.

މިރޭގެ މެޗުގެ ކުރިން ވެސް ދެ ވަނަ ބުރު ޔަގީން ވެފައި އޮތުމުން ފްރާންސުން މެޗު ފެށީ، އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ 11 އަށް 9 ބަދަލު ގެނެސްގެންނެވެ. ނަތީޖާއަކަށްވީ ފްރާންސް ޓީމުގެ ފަރާތުން ގުޅުން ކުޑަ ދަށް ކުޅުމެއް ފެނުނުއިރު، ޓިއުނީޝިއާ އިން ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން އެޓޭކިންގ ގޭމެއް ކުޅުމެވެ.

ޓިއުނީޝިއާއިން ކުރި މަސައްކަތުގެ ނަތީޖާ ފުރަތަމަ ހާފުގައި ނުލިބުނަސް، ދެ ވަނަ ހާފު ފެށިގެން މެޗުގެ 58 ވަނަ މިނިޓުގައި ކަޒްރީ ޖެހި ލަނޑާއެކު އެ ޓީމުން ލީޑު ނެގިއެވެ. ޓިއުނީޝިއާގެ ލަނޑާއެކު ފްރާންސުން ގިނަ ބަދަލުތަކެއް ގެނެސް މުހިންމު ކުޅުންތެރިންތައް އަރުވައި، އެޓޭކް ވަރުގަދަ ކުރިއެވެ. އެހެނަސް، އެ ޓީމުން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެންމެ ފަހު ވަގުތު ޖެހި ލަނޑު ވެސް، ވީއޭއާރް ބެލުމަށްފަހު، ފްރާންސް ކުޅުންތެރިއެއް ފައުލް ކޮށްފައިވާތީ ރެފްރީ ކެންސަލް ކުރީއެވެ.

މެޗަށް ނުކުތުމުގެ ކުރިން އަމިއްލަ ބާރު ކެނޑިފައި އޮތް ޓިއުނީޝިއާ މޮޅުވި ނަމަވެސް، އެ ޓީމުގެ އުންމީދުތައް ފެނަށް ދިޔައީ، ޑެންމާކާއި އޮސްޓްރޭލިއާ މެޗުން 1-0 ގެ ނަތީޖާއިން އޮސްޓްރޭލިއާ މޮޅުވުމުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ޑެންމާކް ކޮޅަށް އޮސްޓްރޭލިއާއިން ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގައެވެ. އެ ލަނޑު ޖަހައިދިނީ ލެކީ އެވެ.

ފްރާންސާއި، އޮސްޓްރޭލިއާ ދެ ވަނަ ބުރުގައި ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭ ގްރޫޕް ސީ ގައި ކުޅޭ 2 މެޗަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް