ގްރޫޕްގެ ސީ ގެ ފަހު 2 މެޗު މިރޭ ކުޅޭނެއެވެ. އެއް ގަޑިއެއްގައި ކުޅޭ މި 2 މެޗުގައި ބައްދަލުކުރާނީ ޕޮލެންޑް-އާޖެންޓީނާ އަދި ސައޫދީ އަރަބިއާ-މެކްސިކޯ އެވެ.
ތާރީޚް: 1 ޑިސެމްބަރ 2022
ގަޑި: 00:00
ސްޓޭޑިއަމް: ސްޓޭޑިއަމް 974 (ޕޮލެންޑް – އާޖެންޓީނާ)
ސްޓޭޑިއަމް: ލުސެއިން ސްޓޭޑިއަމް (ސައޫދީ އަރަބިއާ – މެކްސިކޯ)
ގްރޫޕް: ސީ
ގްރޫޕް ސީ އަށް ނަޒަރެއް:
ގްރޫޕް ސީ އަށް ބަލާއިރު، 4 ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނައިގައި އޮތީ ޕޮލެންޑެވެ. އެ ޓީމަށް ފައިދާ 2 ގޯލު ލިބިފައިވާއިރު، 3 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނައިގައި އޮތް އާޖެންޓީނާ އަށް ލިބިފައިވަނީ ފައިދާ 1 ގޯލެވެ. 3 ވަނައިގައި އޮތް ސައޫދީ އަރަބިއާ އަށް ވެސް 3 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތަކީ 1- އެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް މެކްސިކޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ލަނޑުގެ ތަފާތަކީ 2- އެވެ.
ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟ ކޮން ގޮތަކުން؟
މި ގްރޫޕުން އެއްވެސް ޓީމެއް އަދި ކަޓާފައެއް ނެތެވެ. އަދި އެއްވެސް ޓީމަކަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީން ވެފައެއް ވެސް ނެތެވެ.
ޕޮލެންޑް މިރޭ ކުޅޭ މެޗުން އާޖެންޓީނާ އަތުން މޮޅުވިޔަސް، އެއްވަރު ވިޔަސް ޕޮލެންޑް ދެ ވަނަ ބުރަށް ދާނެއެވެ. ޕޮލެންޑް ބަލިވެ، ސައޫދީ އަރަބިއާއިން މެކްސިކޯ ބަލިކޮށްފިނަމަ، ޕޮލެންޑް ކަޓާނެއެވެ. ޕޮލެންޑް ބަލިވެ، ސައޫދީ އަރަބިއާ މެޗު އެއްވަރުވެއްޖެނަމަ، ޕޮލެންޑާއި ސައޫދީގެ ތެރެއިން ކުރި ލިބޭ ޓީމެއް އެނގޭނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ޕޮލެންޑް ބަލިވެ، މެކްސިކޯއިން ސައޫދީގެ މައްޗަށް ކާމިޔާބީ ހޯދައިފިނަމަ، މެކްސިކޯ އާއި ޕޮލެންޑްގެ ތެރެއިން ކުރިޔަށް ދެވޭނީ ވެސް ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބޭ ބަޔަކަށެވެ.
އެހެން ބައެއްގެ ނަތީޖާއަށް ބުރަނުވެ ދެ ވަނަ ބުރަށް ދިއުމަށް އާޖެންޓީނާއަށް ބޭނުން ވަނީ ސީދާ މޮޅެކެވެ. މެކްސިކޯ އާއި ސައޫދީ އަރަބިއާ ކުޅޭ މެޗު އެއްވަރު ވެއްޖެނަމަ އާޖެންޓީނާއަށް ވެސް އެއްވަރު ނަތީޖާއަކުން ފުއްދާލެވޭނެއެވެ. އާޖެންޓީނާ އާއި ޕޮލެންޑް ކުޅޭ މެޗު އެއްވަރުވެ، ސައޫދީ މެކްސިކޯގެ މައްޗަށް ކާމިޔާބު ހޯދައިފިނަމަ އާޖެންޓީނާ ކަޓާނެއެވެ. އާޖެންޓީނާ އާއި ޕޮލެންޑް މެޗު އެއްވަރުވެ، މެކްސިކޯ އިން ސައޫދީގެ މައްޗަށް ކާމިޔާބު ހޯދައިފިނަމަ، ދެ ވަނަ ބުރަށް ދާނީ ގޯލު ތަފާތުން ކުރި ލިބޭ ބައެކެވެ. އާޖެންޓީނާ ބަލިވެއްޖެނަމަ، ދެން އޮތް މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، އެ ޓީމު އެނބުރި ރަށަށް ދާން ޖެހޭނެއެވެ.
ސައޫދީ އަރަބިއާ މެކްސިކޯ އަތުން މޮޅުވެއްޖެނަމަ، ސައޫދީއަށް 2 ވަނަ ބުރު ޔަގީން ވާނެއެވެ. ޕޮލެންޑުން އާޖެންޓީނާ ބަލިކޮށްފިނަމަ، އެ ހާލަތުގައި ސައޫދީ މެޗު އެއްވަރު ވިޔަސް، ސައޫދީ ދެ ވަނަ ބުރަށް ދާނެއެވެ. ދެ މެޗު ވެސް އެއްވަރު ވެއްޖެނަމަ، ސައޫދީ އަރަބިއާ ކަޓާނެއެވެ. އާޖެންޓީނާ އިން ޕޮލެންޑް ބަލިކޮށް، ސައޫދީ މެޗު އެއްވަރު ވެއްޖެނަމަ، ޕޮލެންޑާއި ސައޫދީގެ ތެރެއިން ދެ ވަނަ ބުރަށް ދާނީ ލަނޑުގެ ތަފާތުން ކުރި ލިބޭ ބައެކެވެ. ސައޫދީ މެކްސިކޯ އަތުން ބަލިވެއްޖެނަމަ އެ ޓީމު ކަޓާނެއެވެ.
މެކްސިކޯއަށް ބަލާއިރު، އެ މީހުންގެ އަމިއްލަ ބާރެއް ނެތެވެ. ކިރިޔާ ވެސް ފުރުސަތެއް އޮތީ މޮޅެއް ހޯދައިގެންނެވެ. މެކްސިކޯ މޮޅުވެ، އާޖެންޓީނާގެ މައްޗަށް ޕޮލެންޑުން މޮޅެއް ހޯދައިފިނަމަ މެކްސިކޯ ދެވަނަ ބުރަށް ދާނެކަން ޔަގީނެވެ. މެކްސިކޯ މޮޅުވެ، އާޖެންޓީނާ އާއި ޕޮލެންޑްގެ މެޗު އެއްވަރު ވެއްޖެނަމަ، ކުރި ލިބޭނީ މެކްސިކޯ އާއި އާޖެންޓީނާގެ ތެރެއިން ލަނޑުގެ ތަފާތު ބޮޑު ގައުމަކަށެވެ. އާޖެންޓީނާ މޮޅުވެ، މެކްސިކޯ ވެސް މޮޅުވެއްޖެނަމަ، މެކްސިކޯ އާއި ޕޮލެންޑްގެ ތެރެއިން ކުރި ލިބޭނީ ލަނޑުގެ ތަފާތުން ކުރި ލިބޭ ބަޔަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް