މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ޓްރާންސިޓް ހަބަކަށް ސްރީލަންކާ ވަމުން އަންނަކަމުގައި އެ ގައުމުން ސިފަކޮށްފިއެވެ.
ސްރީލަންކާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އިރު، ސްރީލަންކާގެ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ނުރައްކާތެރި އަދި ވިހަ މަސްތުވާތަކެތި އަތުލައިގަތުމުން ވެސް އެކަން އެނގިގެންދާކަމުގައި އެ ގައުމުން މިވަނީ ބުނެފައެވެ.
ޖަސްޓިސް، ޕްރިޒަން އެފެއާޒް އެންޑް ކޮންސްޓިޓިއުޝަނަލް ރިފޯމްސް މިނިސްޓަރު ޑރ ވިޖޭޔަދާސާ ރާޖަޕަކްސަ އިއްޔެ ވިދާޅުވީ ނުރައްކާތެރި މަސްތުވާތަކެއްޗާއި ވިހަ މަސްތުވާތަކެތި އަލުން އެކްސްޕޯޓް ކުރާ މަރުކަޒަކަށް ސްރީލަންކާ މިހާރު ވަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓް ގެ ގޯތިތެރޭގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނުރައްކާތެރި މަސްތުވާތަކެއްޗާއި ވިހަ މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށް ޕްރެޒިޑެންޝަލް ޓާސްކް ފޯހެއް އުފެއްދުމަށް ޖަސްޓިސް މިނިސްޓަރުގެ ހައިސިއްޔަތުން ކެބިނެޓަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާ ކަމަށް މިނިސްޓަރު ރާޖަޕަކްސަ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ޕްރެޒިޑެންޝަލް ޓާސްކް ފޯހެއް އުފެއްދުމާއެކު ނުވަ ޕްރޮވިންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތައް ހަރަކާތްތެރިވި ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސްރީލަންކާއަކީ މިހާރު ނުރައްކާތެރި މަސްތުވާތަކެއްޗާއި ވިހަ މަސްތުވާތަކެތި އަލުން އެކްސްޕޯޓްކުރާ މަރުކަޒެއް ކަމަށާއި އެހެންކަމުން ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއަށް ގިނަ ޢަދަދެއްގެ ނުރައްކާތެރި މަސްތުވާތަކެއްޗާއި ވިހަ މަސްތުވާތަކެތި ބަލައި ފާސްކޮށް އަތުލައިގަނެވުނު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ހުރި ޑޭޓާ ރިޕޯޓްތައް ފުރިހަމަ ނުވާ ކަމަށާއި ނުނިމި ހުރި ރިޕޯޓްތަކާ އެކު ވެސް މި ގައުމުގެ އާބާދީގެ ގާތްގަނޑަކަށް ފަސް ލައްކަ އެއްހާ ޒުވާނުން މިވަގުތު މި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި މަސްތުވާތަކެތީގެ ވަބާގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ޖެހިފައިވާ ކަމަށާއި މިކަމުގެ ނުރައްކާތެރި ބާވަތުގެ ޒިންމާ އުފުލަން ޖެހޭނީ އެންމެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް