ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރްބްލޫ އިބްރާހިމް މަނިކު އަވަހާރަވުމާއި ގުޅިގެން ތައުބީނުގެ ޖަލްސާއެއް ބާއްވައި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ސަރުކާރުން ނިންމައިފި އެވެ.
އެމަނިކުފާނު އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން އިންޑިއާގެ ބެންގަލޫރޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ހަނދާން އާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރާނީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގައެވެ.
އެގޮތަށް ނިންމީ ދިވެހިރާއްޖޭގެ އަޑަކީ، އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ ކަމަށްވެސް ބުންޏެވެ.
އިބްރާހިމް މަނިކު އެންމެ ބޮޑަށް މަޝްހޫރުވީ ރާއްޖޭގެ ބްރޯޑްކާސްޓިން ހިދުމަތް ކުރިއަރުވަން ކުރެއްވި މަސައްކަތާއި ގުޅިގެންނެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިއަރުވަން ބުރަ މަސައްކަތްތަކެއް ކުރައްވާފައި އެވެ.
އިބްރާހީމް މަނިކު ބްރޯޑްކާސްޓިންގެ ހިދުމަތާ ގުޅިވަޑައިގަތީ، އިބްރާހީމް ނާސިރުގެ ރައީސްކަމުގައި 1974 ވަނަ އަހަރު “ރޭޑިއޯ މޯލްޑިވްސް” ގެ އިނގިރޭސި ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.
އިބްރާހިމް މަނިކު އިންފޮމޭޝަން މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް