ފީފާ ވޯލްޑް ކަޕް 2022 ގްރޫޕް ޑީ: ދެ ވަނަ ބުރަށް ދިއުމަށް އޮސްޓްރޭލިއާ އާއި ޑެންމާކްގެ ހަނގުރާމައެއް

ގްރޫޕްގެ ޑީ ގެ ފަހު 2 މެޗު މިރޭ ރާއްޖެ ގަޑިން 20:00 ގައި ކުޅޭނެއެވެ. އެއް ގަޑިއެއްގައި ކުޅޭ މި 2 މެޗުގައި ބައްދަލުކުރާނީ ޓިއުނީޝީއާ-ފްރާންސް އަދި އޮސްޓްރޭލިއާ-ޑެންމާކް އެވެ. ތާރީޚް: 30 ނޮވެމްބަރ 2022 ...

30 Nov 2022 | 10:38

ގްރޫޕްގެ ޑީ ގެ ފަހު 2 މެޗު މިރޭ ރާއްޖެ ގަޑިން 20:00 ގައި ކުޅޭނެއެވެ. އެއް ގަޑިއެއްގައި ކުޅޭ މި 2 މެޗުގައި ބައްދަލުކުރާނީ ޓިއުނީޝީއާ-ފްރާންސް އަދި އޮސްޓްރޭލިއާ-ޑެންމާކް އެވެ.

ތާރީޚް: 30 ނޮވެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: އަލް ޖަނޫބު ސްޓޭޑިއަމް (އޮސްޓްރޭލިއާ – ޑެންމާކް)

ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް (ޓިއުނީޝީއާ – ފްރާންސް)

ގްރޫޕް: ޑީ

ގްރޫޕް ޑީ އަށް ނަޒަރެއް:

ކުޅުނު ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު ފްރާންސް އޮތީ ގްރޫޕް ޑީ ގެ އެއް ވަނައިގައެވެ. 2 ވަނައިގައި އޮތް އޮސްޓްރޭލިއާއަށް 3 ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކް އަދި ޓިއުނީޝީއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ޑެންމާކާއި، ޓިއުނީޝިއާގެ ގޯލް ތަފާތު ވެސް އެއްވަރުއިރު (1-)، ދެ ގައުމު ކުޅުނު މެޗު ވެސް ވީ އެއްވަރެވެ. އެހެންކަމުން ޑެންމާކް 3 ވަނައިގައި އޮތީ ޓިއުނީޝިއާއަށްވުރެ މަދުން ކާޑު ދައްކާފައިވާތީއެވެ. ފްރާންސަށް ފައިދާ 4 ލަނޑު ލިބިފައިވާއިރު، އޮސްޓްރޭލިއާގެ ލަނޑުގެ ތަފާތަކީ 2- އެވެ.

ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟ ކޮން ގޮތަކުން؟

ގްރޫޕް ޑީ ގައި އަދި 2 ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްވެސް ޓީމަކަށް ނުގެއްލެއެވެ. މި ގްރޫޕުން ފްރާންސް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައި އޮތުމުން، އަނެއް 3 ޓީމަށް އޮތީ އެންމެ ޖާގައަކަށް ކުރެވޭ ހަނގުރާމައެކެވެ.

ފްރާންސް މެޗުން މޮޅު ވިޔަސް، އެއްވަރު ވިޔަސް އެ ޓީމަށް ގްރޫޕްގެ 1 ވަނަ ކަށަވަރު ވާނެއެވެ. ފްރާންސް ޓިއުނީޝީއާ އަތުން ބަލިވެ، އޮސްޓްރޭލިއާއިން ޑެންމާކް ބަލިކޮށްފިނަމަ، އެ ހާލަތުގައި އޮސްޓްރޭލިއާ އާއި ފްރާންސް ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ. އޭރުން ބަލާނީ ގޯލް ތަފާތަށެވެ.

އޮސްޓްރޭލިއާ އިން ޑެންމާކް ބަލިކޮށްފިނަމަ، އޮސްޓްރޭލިއާ ދެ ވަނަ ބުރަށް ކޮލިފައިވާނެއެވެ. އޮސްޓްރޭލިއާއަށް އެއްވަރަކުން ވެސް ފުއްދާލެވެން އެބަ އޮތެވެ. އެހެނަސް، އެއީ ޓިއުނީޝިއާ އިން ފްރާންސް ބަލި ނުކުރާނަމައެވެ. އެ ހާލަތު އަހިސްފިނަމަ، ގޯލް ތަފާތުން ކުރި ލިބޭނީ ޓިއުނީޝިއާ އަށެވެ.

ޑެންމާކަށް އޮސްޓްރޭލިއާ އަތުން މޮޅުވުން މަޖުބޫރެވެ. ޑެންމާކް މޮޅުވާ ހާލަތުގައި، ޓިއުނީޝިއާ އިން ފްރާންސް ބަލި ނުކުރާނަމަ، ޑެންމާކް ދެ ވަނަ ބުރަށް ދާނެއެވެ. ޑެންމާކް މޮޅުވެ، ޓިއުނީޝިއާ އިން ފްރާންސް ބަލިކޮށްފިނަމަ، ޓިއުނީޝިއާ އާއި ޑެންމާކް ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ދެން ބަލަން ޖެހޭނީ ލަނޑުގެ ތަފާތަށެވެ.

އެންމެ ހަނި ފުރުސަތެއް އޮތީ ޓިއުނީޝިއާ އަށެވެ. އަމިއްލަ ބާރެއް ނެތެވެ. ޓިއުނީޝީއާއަށް މޮޅުވަން މަޖުބޫރުއިރު، މޮޅުވިޔަސް، އެ ގައުމު 2 ވަނަ ބުރަށް ކޮލިފައިވާނީ ޑެންމާކުން އޮސްޓްރޭލިއާ އަތުން ބަލި ނޫން ނަތީޖާއެއް ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް