ބޭންކް އޮފް މޯލްޑިވްސް އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
ޢާއިޝަތު ނޫރައްދީން (ޑެޕިއުޓީ ސީއީއޯ)، ފާތިމަތު މަނިކެ (ޑިވެލޮޕްމަންޓް ބޭންކިންގ ޑައިރެކްޓަރ) އަދި މޫސާ މުޙައްމަދު (ސީނިއަރ ފެސިލިޓީސް އޮފިސަރ) އަށް ވަނީ ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމަށް ހާއްސަ އެވޯޑެއް ދީފައެވެ. މި ހަފްލާގައި 35 އަހަރު ބޭންކަށް ހިދުމަތްކޮށްދެއްވާފައިވާ ފިރާޤް އަހުމަދު (ސީނިއަރ ރީކޮންސިލިއޭޝަން އޮފިސަރ) އަށްވެސް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
ރޭ ދަރުބާރުގޭގައި ބޭއްވުނު މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވަނީ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދީފައެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ކާރލް ސްޓުމްކަ ވިދާޅުވީ މި ގައުމުގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތައް އެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ބޭންކިން ދާއިރާގައި އެ މުވައްޒަފުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް