ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކް ޖެހިގެން މީހަކު އައިޖީއެމްއެޗަށް ގެންދޭ، ފަސް މީހަކުން އެކަކީ 45 އަހަރުން ދަށުގެ މީހެއް

29 Oct 2026 | 19:28
އައިޖީއެމްއެޗުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓު -- ފޮޓޯ: އައިޖީއެމްއެޗު

އައިޖީއެމްއެޗުގެ ކާޑިއޮލޮޖީ ޑިޕާޓްމެންޓު -- ފޮޓޯ: އައިޖީއެމްއެޗު

ސްޓްރޯކް ޖެހިގެން ފަރުވާ ހޯދުމަށް ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ދާ ކަމަށް އެ ހޮސްޕިޓަލުން ރޭ ބުނެފިއެވެ.

ސްޓްރޯކާ ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތަކާ ގުޅިގެން އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި މި މައުލޫމާތު ހާމަކުރެއްވީ އެ ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށްވާއިރު އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވަނީ ހިތާއި ގުޅުން ހުރި ބަލިތަކުގައި އެވެ. ސްޓްރޯކް ޖެހުމަށް ވަކި އުމުރެއް ނެތް އިރު އައިޖީއެމްއެޗުގައި ސްޓްރޯކް ޖެހިގެން ފަރުވާދޭ ކޮންމެ ފަސް މީހަކުން އެކަކީ 45 އަހަރުން ދަށުގެ މީހުން ކަމަށް އެ ހޮސްޕިޓަލުން މީޑިއާގައި ބުނެފައިވެ އެވެ.

އެގޮތުން ބައެއް ފަހަރު 16 އަހަރުގެ ކުދިންނަށްވެސް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

ސްޓްރޯކް ޖެހޭތާ ގިނަވެގެން ހަތަރު ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ފެށިއްޖެނަމަ ބަލިމީހާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި ސްޓްރޯކެއްގައި ކޮންމެ މިނެޓެއްވެސް ވަރަށް މުހިންމު ކަން ފާހަގަކޮށް ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ.

ދުނިޔޭގެ ސްޓްރޯކް ދުވަހަކީ އިއްޔެ އެވެ. މި ދުވަހާއި ގުޅިގެން ހޭލުންތެރިކުރުމަށް ބާއްވާ އިވެންޓު އޮންނާނީ މިއަދު ހަވީރު 4 އިން 6 އަށް އާޓިފިޝަލް ބީޗުގައެވެ. މި ހަވީރުގައި ސްޓްރޯކަށް ސްކްރީން ކޮށްދޭނެ އެވެ. އަދި ސްޓްރޯކެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ވެސް ދެނެގަނެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް