ބަޖެޓު 2027: ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި މި އަހަރު ނިންމާލެވޭނެ: ޒަރީރު

ދަތުރުފަތުރުގެ މަޝްރޫއުތަކަށް ބަޖެޓުން ކަނޑައެޅި ފައިސާގެ 83 ޕަސެންޓް، ނުވަތަ 1.9 ބިލިއަން ރުފިޔާ، ސަރުކާރުން މިހާތަނަށް ހަރަދުކޮށްފިކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

29 Oct 2026 | 16:35
ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް

ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހަޅުއްވަނީ -- ފޮޓޯ: މަޖިލީސް

ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކުރި ބަޖެޓުގެ އިމުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް މެނޭޖްކޮށް މި އަހަރު ނިންމާލެވޭނެ މިސްރާބެއްގައި ސަރުކާރު އޮތް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

މިއީ މި އަހަރު ސަރުކާރުން ޙާޞިލުކުރި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ، ބައިނަލްއަޤުވާމީ ހާލަތާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ބޮޑެތި ޝޮކްތައް ކުރިމަތިވި ނަމަވެސް، މި އަހަރުގެ ބަޖެޓު ޑެފިސިޓް ފާސްކުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ބަޖެޓު ތަންފީޒުކުރުމުގައި މިހާރު ޢަމަލުކުރާ ހަރުދަނާ ކޮންޓްރޯލްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ކޮންޓްރޯލްތައް އަންނަ އަހަރު ވެސް ދަމަހައްޓާނެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު ހިސާބުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރާއި ވިޔަފާރިއަށް ބުރޫއަރާފައިވާއިރު ވެސް، މި އަހަރަށް އަންދާޒާކުރި މިންވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތެލުގެ އަގު އުފުލުނުއިރު ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓު ފޯރުކޮށްދިނުމަށް، މި އަހަރުގެ ނިޔަލަށް ފިއުލް ސަބްސިޑީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެއެވެ. އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް ލަފާކުރެވޭތީ، ފިއުލް ސަބްސިޑީއަށް ކުރާ ޚަރަދު 3.2 ބިލިއަން ރުފިޔާއަށް ދަށްވާނެއެވެ.

މިކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، "މާތް ﷲ ގެ ވާގިފުޅާއެކު، އަޅުގަނޑުމެން މިވަނީ އެ އަމާޒު ހާސިލުކުރެވޭނެ މިސްރާބެއްގައި" ކަމަށެވެ.

މި އަހަރަކީ ބޮޑެތި ދަރަނިތައް ދައްކައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ މާލީ އަދި އިޤްތިޞާދީ ލޮޅުންތަކުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދެވުނު އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އަހަރު މިހާތަނަށް 10.4 ބިލިއަން ރުފިޔާގެ ދަރަނި އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން ވަނީ ދައްކާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް