ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލާ އަލްބޭނިއާގެ އިދިކޮޅު މެންބަރުން މަޖިލީހުގައި ދުންބޮމާއި ފްލެއާ ރޯކޮށްފި

29 Oct 2026 | 18:20
މަޖިލީހުގައި އަލްބޭނުއާގެ އިދިކޮޅު މެމްބަރުން މުޒާހަރާ ކުރަނީ

މަޖިލީހުގައި އަލްބޭނުއާގެ އިދިކޮޅު މެމްބަރުން މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ އިސްތިއުފާ ދިނުމަށް ގޮވާލައި މަގުތަކަށް ނިކުމެ ތިބި އެތައް ހާސް ބައެއްގެ ހައްގުގައި ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާ ހުއްޓުވަން ދުންބޮމާއި ފްލެއާ ރޯކޮށްފި އެވެ.

ވެރިރަށް ތީރާނާގައި ހިނގި މި ހަމަނުޖެހުމުގެ އިސް ސަފުގައި ހުރީ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ސާލީ ބެރީޝާއެވެ. ބެރީޝާ އާއި އޭނާގެ ބައިވެރީން މަސައްކަތްކުރީ މަރުކަޒީ ބޭންކާ ގުޅޭ އައު ޤާނޫނެއް ފާސްކުރުމަށް ނެގި ވޯޓު ހުއްޓުވުމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ. ބެރީޝާ ޕާލަމެންޓުގައި ވާހަކަ ދެއްކިއިރު، އޭނާގެ ވަށައިގެން ތިބި އިދިކޮޅު މެންބަރުން ހިފައިގެން ތިބީ ރަބަރު ވަޒަނުން ޒަޚަމްވި ކަމަށް ބުނެވޭ މުޒާހަރާ ބައިވެރީންގެ ފޮޓޯ ތަކެވެ.

މެއި މަހު ފެށި މި މުޒާހަރާތައް ފެށުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރީ ޖެރެޑް ކުޝްނާއާ ގުޅުން ހުރި ލަގްޒަރީ ރިސޯޓެއް ހެދުމަށް ހުއްދަ ދިނުމަށް ބޮޑުވަޒީރު ރާމާ ފާސްކުރުމާ ގުޅިގެންނެވެ. ދަރިވަރުން ފެށި މި ހަރަކާތް ފަހުން ފުޅާވެ، އިޤުތިޞާދީ ހީނަރުކަމާއި ކޮރަޕްޝަނާއި ދަށް ތައުލީމީ ފެންވަރު އަދި މަތީ ޓިއުޝަން ފީގެ ކަންބޮޑުވުން ވެސް އެ ހަރަކާތާ ގުޅިގެން ހިނގަމުންދެއެވެ.

ފާއިތުވި އެތައް ދުހައެއް ތެރޭ ނުފެންނަ ފަދަ ބޮޑު ހަމަނުޖެހުންތަކެއް ހިނގައި، ފުލުހުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ، ސަރުކާރުގެ ޢިމާރާތްތަކާއި ބޭންކުތަކާއި ޕްރައިވެޓް ޢިމާރާތްތަކުގައި ހުޅުޖެހި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރު ރާމާ ވެރިކަމުގައި 13 އަހަރު ވެއްޖެއެވެ. މިދިޔަ އަހަރު ހަތަރު ވަނަ ދައުރެއް ކާމިޔާބުކުރުމަށް ފަހު ވެސް ރާމާ ވަނީ އިސްތިއުފާ ދިނުމަށް ދެކޮޅު ހަދާފައެވެ. މުޒާހަރާތައް ހަމައަކަށް އެޅުވުމުގެ ގޮތުން ރާމާ ވަނީ ހަމަނުޖެހުން ހިނގާ މުޒާހަރާއެއްގައި ބައިވެރިވާ ކޮންމެ މީހަކު 6,000 ޑޮލަރަށް ވުރެ ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތް ހަދާފައެވެ. މިއީ އެ ޤައުމުގެ މީހެއްގެ މަހެއްގެ އެވެރެޖް މުސާރަ ކަމުގައިވާ ގާތްގަނޑަކަށް 1,000 ޑޮލަރުގެ ހަ ގުނައެވެ.

ހަމައެއާއެކު އެލްބޭނިއާގެ ޤައުމީ ބްރޯޑްކާސްޓަރު ރޭޑިޔޯ ޓެލެވީޒިއޯނީ ޝްކިޕްތާރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާމާ ވަނީ ކުޑަ އާމްދަނީ ލިބޭ ޢާއިލާތަކުގެ ދަރިވަރުންނަށް ދޭ ސްކޮލާޝިޕް ސްޓައިޕެންޑު ބޮޑުކޮށް، މާސްޓާ ޑިގްރީ ދަރިވަރުންނަށް ވެސް ސްކޮލާޝިޕް ފުޅާކޮށް، ދަރިވަރުންނަށް ސަބްސިޑީ ކުލި ތައާރަފްކުރާނެ ކަން އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް