ސްޕެއިނުގެ 69 މީހުން މަރުވި ރޭލު އެކްސިޑެންޓް: ކޮންޓްރޯލް ރޫމާއި ޑްރައިވަރުންގެ އޯޑިއޯ ލީކުވެއްޖެ

29 Oct 2026 | 18:47
ސްޕެއިނުގެ 69 މީހުން މަރުވި ރޭލު އެކްސިޑެންޓް: ކޮންޓްރޯލް ރޫމާއި ޑްރައިވަރުންގެ އޯޑިއޯ ލީކުވެއްޖެ

ސްޕެއިނުގައި އިއްޔެ ހެނދުނު ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓު ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން ރޭލު ދުއްވި ފަރާތްތަކާއި ކޮންޓްރޯލް ސެންޓަރާ ދެމެދު ދެކެވުނު ވާހަކަތައް ހިމެނޭ އޯޑިއޯ ރެކޯޑިންތައް ސްޕެއިނުގެ މީޑިއާތަކުން ހާމަކޮށްފި އެވެ.

މި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 69އަށް އަރާފައި އެވެ. އެކްސިޑެންޓުވީ އެއް ލައިނެއްގައި އެއް މިސްރާބަކަށް ދަތުރު ކުރަމުންދިޔަ ދެ ރޭލު ޖެހިގެންނެވެ.

މެޑްރިޑުން ސެވިލާއަށް ދަތުރުކުރި ރޭލެއް، ޓެކްނިކަލް މައްސަލައެއް ދިމާވެ މަޑުކޮށްގެން އޮތް ރޭލެއްގެ ފަހަތުން ޖެހުނު މި ހާދިސާ ތަހުގީގުކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ލީކުވި ތިން އޯޑިއޯ ރެކޯޑިންއިން ހާމަވާ ގޮތުގައި، ގާތްގަނޑަކަށް 25 ކިލޯމީޓަރު ކުރީގައި އެއް ރޭލެއް ހުއްޓިފައި އޮތްއިރުވެސް، ދެވަނަ ހައި ސްޕީޑް ރޭލަށް ކުރިއަށް ދިއުމުގެ ހުއްދަ ދީފައިވެއެވެ.

ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން އޮޓޮމެޓިކް ސިގްނަލިން ސިސްޓަމް ފެއިލްވެ، އެ ސަރަހައްދުގައި ހުރިހާ ރޭލެއް ހުއްޓައިލަން ޖެހުނެވެ. ނަމަވެސް ފަހުން ސަރުކާރު ކުންފުނި ރެންފެގެ ރޭލަށް ކުރިއަށް ދިއުމަށް އެންގީ "ގޯސް" ނިންމުމެއް ނިންމައިގެން ކަމަށް ސްޕެއިނުގެ ދަތުރުފަތުރާ ބެހޭ މިނިސްޓަރު އޮސްކާ ޕުއެންޓެ ބުންޏެވެ.

ހުއްޓިފައި އޮތް އަމިއްލަ ކުންފުނި އިރިޔޯގެ ރޭލުގެ ޑްރައިވަރު ކޮންޓްރޯލް ސެންޓަރަށް އެންގީ ރޭލު ކޮންޓްރޯލް ސިސްޓަމާ ގުޅުން ކެނޑިފައި ވާތީ ހުއްޓިފައި އޮތް ކަމަށެވެ. އެ ޑްރައިވަރަށް ވެސް ކުރިއަށް ދިއުމަށް އެންގި ނަމަވެސް ފަހުން އޭނާ އަލުން ގުޅައި ރޭލު ދުއްވައިނުލެވޭނެ ކަމަށް ބުންޏެވެ. މި ރެކޯޑިންތަކުން ދައްކާ ގޮތުގައި، އިރިޔޯ ރޭލު ހުއްޓިފައި އޮތް ކަން ކޮންޓްރޯލަރަށް އެނގިފައި އޮތް ޙާލުގައި ރެންފެ ރޭލު ކައިރިވަމުން ދިޔައިރު ސްޕީޑް ލިމިޓެއް ނެތި ކުރިއަށް ދާން އެންގި އެންގުމަކީ "ހަމަނުޖެހޭ" ނިންމުމެއް ކަމަށް މިނިސްޓަރު ޕުއެންޓެ ބުންޏެވެ.

ރެންފެގެ ރޭލުގައި 397 ފަސެންޖަރުން ތިބިއިރު އިރިޔޯ ރޭލުގައި 147 ފަސެންޖަރުން ތިއްބެވެ. ސަލާމަތްވި ފަރާތްތައް ކިޔައިދިން ގޮތުގައި ކެރޭޖުތެރޭ މީހުން ރޮމުން ދިޔައިރު އެމީހުންގެ ގައިން ލޭ އޮހޮރެމުން ދިޔައެވެ. ގޮނޑީގައި ތާށިވެފައި ތިބި މީހުންނާއި ގުނަވަންތައް ވަކިވެފައި ތިބި މީހުންވެސް ތިބިކަމަށް ބުނެ އެވެ. މި ހާދިސާގައި ފަސިންޖަރުން ތިބި ސަރަހައްދުގައި އަލިފާން ރޯވެ ދުން ފެތުރިގެން ދިޔައެވެ.

އޯޑިއޯ ރެކޯޑިންތައް ލީކުކުރުމާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތައް ވަނީ ފާޑުކިޔައިފައެވެ. ވާތުފިޔައިގެ ޕޮޑެމޮސް ޕާޓީގެ ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓް އިރެނެ މޮންޓެރޯ ބުނީ މި ހާދިސާގެ ޒިންމާ އެންމެ މަސައްކަތްތެރިއެއްގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި ރޭލު ދާއިރާ ޕްރައިވެޓައިޒް ކުރުމުގެ ނުރައްކާ ޑްރައިވަރުންނާއި ތަޖުރިބާކާރުން ކިތަންމެ އަހަރެއް ކުރިން ހާމަކޮށްފައިވާ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ރޭ މެޑްރިޑުގައި ގާތްގަނޑަކަށް 1,500 މީހުން ދަތުރުފަތުރާ ބެހޭ މިނިސްޓްރީ ބިލްޑިންގުގެ ކައިރިއަށް އެއްވެ، ސާންޗެޒާއި ޕުއެންޓެ އިސްތިއުފާ ދެއްވުމަށް ގޮވައިލިއެވެ. މުޒާހިރާ ރޫޅައިލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް