މާފުއްޓަށް ދިޔަ ޓޫރިސްޓަކު މިސްކިތްތަކުގެ މަރާމާތަށް އެހީ ދީފި

29 Oct 2026 | 17:56
މާފުއްޓަށް ދިޔަ ޓޫރިސްޓަކު މިސްކިތްތަކުގެ މަރާމާތަށް އެހީ ދީފި

ކ. މާފުށީގައި ޗުއްޓީ ހޭދަ ކުރުމަށް ދިޔަ ތުރުކީގެ ޓޫރިސްޓަކު އެ ރަށު މިސްކިތްތަކުގެ މަރާމާތަށް ފައިސާ ހަދިޔާކޮށްފި އެވެ.

މާފުށީ ކައުންސިލުން ވަނީ އެ ރަށު މިސްކިތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިން އެހީ އާއި ހަވާލުމަށް ބައްދަލުވުމެއް ބާއްވާފައި އެވެ. އެ ބައްދަލުވުން އޮތީ އިއްޔެ އެވެ.

އެ ރަށު ކައުންސިލުން ބުނީ އެހީ ދިނީ ފުންދާ އޮޒްކުޗޫ، ކިޔާ ތުރުކީ މުސްލިމު އަންހެނެއް ކަމަށެވެ. އެ ރަށު ކައުންސިލުން ވަނީ މި އެހީއަށް ޝުކުރު އަދާކޮށްފައި އެވެ.

އެ ކައުންސިލުން ބުނީ މި ފައިސާ ހަރަދު ކުރާނީ މިސްކިތްތަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. މާފުށީގައި ތިން މިސްކިތް ހުރެ އެވެ.

މާފުއްޓަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުރަތަމަ ތައާރަފުކޮށް މިހާރު އެންމެ ކުރިއަރާފައިވާ ރަށެވެ. އެ ރަށަށް މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު ދިވެހިންގެ މެދުގައިވެސް ޗުއްޓީ ހޭދަ ކުރުމަށް މަގުބޫލު ރަށްތަކުގެ ތެރޭގައި މާފުށި ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް