އަލްހާން ފަހްމީ -
ކިންގްސްއިން ހިންގި އިންވެސްޓްމެންޓް ސްކީމާ ގުޅިގެން
ކުރި ދަޢުވާތަކުގައި ބަދަލުލިބެންޖެހޭ މީހުންނަށް ބަދަލު ދީފައިވާތީ ދަޢުވާތައް އިތުރަށް
ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
(ޕީޖީ އޮފީސް) އިން ބުނެފިއެވެ.
އެ އޮފީހުން މިއަދު ބުނެފައިވަނީ ކިންގްސް ކެޕިޓަލް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ދިވެހިރާއްޖޭގައި މާލީ
ސެކިއުރިޓީޒްގެ ޤާނޫނާއި ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް
ތަޢާރަފްކޮށް، އިންވެސްޓަރުންނަށް މަންފާލިބޭނެކަމަށް ދައްކައި މަކަރާއި ޙީލަތުން ގިނަ
ޢަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި،
ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޞަޙުބާން ފަހުމީ
އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު
ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ 23 ނޮވެންބަރު
2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ.
"މި ދަޢުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް،
ދަޢުވާލިބޭ ފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ
13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާޞްކޮށްފައިވާކަމަށް ބަޔާންކޮށް، ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް
ދަޢުވާލިބޭ ފަރާތްތަކުން މި އޮފީހުގައި އެދިފައިވޭ، އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ
ޚިދުމަތް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލުލިބޭންޖެހޭ
މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވޭ، އަދި މި މައްސަލަ އިތުރަށް ކުރިއަށްގެންދަން
ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވޭ" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މިއާއެކު، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ
ތެރެއިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް،
ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީއާއި، މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް
އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދަޢުވާތައް
(ޓެކުމުގެ ކުށުގެ 13 ދަޢުވާ) އިތުރަށް ކުރިއަށްގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް
ނުފެންނާތީ، އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާނެކަމުގައި
ޕީޖީ އޮފީހުން ބުނެފައިވެއެވެ.
"ނަމަވެސް، މި މައްސަލާގައި ބަދަލުލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ދިވެހި
ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން، އެ ބައިތަކުގެ ތަޙުޤީޤު ނިންމައި
މި އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދަޢުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނަމު"
އެ އޮފީހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެހެންކަމުން، މި މައްސަލާގައި
ބަދަލުލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ ޢަދުލުގެ
ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްގެންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް