މެކްސިކޯގައި އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަ ދުނިޔޭގެ ރީތީގެ ރާނީން ހޮވާ މުބާރާތުގައި މަރިޔަމް ޝައިނާ ނަސީމް ބައިވެރިވެފައިވާއިރު ސެކަން ހުއްޓާލުމަށް ޝައިނާއަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
އެގޮތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމަކީ އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"އަދި އެފަދަ ކަންކަމަކީ، ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާވެސް ހިލާފުކަންކަމަށްވާއިރު، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން، ދިވެހި ސަރުކާރުން ކުށްވެރިކުރަމެވެ. އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ގޮވާލަމެވެ." ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނޭ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާކަމެއްކަމަށް ދޭހަވާގޮތަކަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އެންމެހާ ރައްތިންނަށް ގޮވާލާކަމަށެވެ.
ދިވެއްސަކު ފުރަތަމަ ފަހަރަށް މިވަނީ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވެފައެވެ. މިސް ޔުނިވާސް 2024 ގައި ބައިވެރިވެފައިވަނީ ދިވެހި މޮޑެލް، އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް