ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިއްޔެ ހާމަކުރި 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ރިޕޯޓުގައި އެ ބޭންކުން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި ދިވެހި މުޖުތަމަޢުއަށް ކޮށްފައިވާ މުހިންމު އިންވެސްޓްމަންޓްތައް ފާހަގަކޮށްފިއެވެ.
ބޭންކުން މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މިއީ ކުރީ ކުއާޓަރއާ އަޅާބަލާއިރު %2.9 އިތުރު އަދަދެކެވެ. މި ކުއާޓަރގައި ސާފު ފައިދާއެއްގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %9.6 އިތުރު އަދަދެއްކަން ބޭންކުން ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލްއިން ފާހަގަކޮށްފައިވާގޮތުގައި ބޭންކުގެ ލޯނު ޕޯޓްފޯލިއޯ ދަނީ ހަރުދަނާކަމާއެކު ކުރިއަރަމުންނެވެ. މި ކުއާޓަރގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވާކަމަށާއި ކުއާޓަރ ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައި ކަމާއި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %54 ގައި ހުރިއިރު މިއީ ގަވާއިދުން ލާޒިމުކުރާ މިންވަރަށްވުރެ މަތީ އަދަދެއްކަން ފާހަގަކޮށްފައިވެއެވެ.
މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު އެ ބޭންކުން ވަރަށް ފަޚުރުވެރިވާކަމަށާއި އަދި ހަމައެހެންމެ މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވާކަމަށެވެ. މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އެބައޮތްކަމުގައިވެސް ވިދާޅުވިއެވެ.
ބީއެމްއެލްއިން ފާހަގަކޮށްފައިވާގޮތުގައި މި ކުއާޓަރގައި ބޭންކުންވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ބޭންކުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެއެވެ. އަދި 1 މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައްވެސް ބޭންކުން ހާމަކުރީ މި ކުއާޓަރގައެވެ. ފަންޑުގެ ދަށުން ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގިއާ ގުޅޭ ދާއިރާތަކުން 5 މަޝްރޫއުއަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމާއި މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތަޢާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުންކަމުގައިވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި އެ ބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް