އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި އިންޑޮނޭޝިއާގެ އެހީގައި ހިންގާ ހޮސްޕިޓަލްގެ ހިންގުމަށްވެސް ދަތިތަކެއް ކުރިމަތިވެއްޖެ ކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ދަތި ތަކުގެ ތެރޭގައި ބޭހުގެ ސްޓޮކް މަދުވުމާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ޑޮކްޓަރުން ނަށް އަނދިރިކަމުގެ ތެރޭގައި އޮޕަރޭޝަން ކުރަން މަޖުބޫރުވެފައިވާ ކަމަށް ވޮލަންޓިއަރ އޯގަނައިޒޭޝަނުން ވަނީ ބުނެފަ އެވެ.
2011 ވަނަ އަހަރު އެ ހޮސްޕިޓަލް އެޅުމަށް ޑޮނޭޝަން އިންތިޒާމްކުރި އިންޑޮނޭޝިއާގެ މެޑިކަލް އިމަޖެންސީ ރެސްކިއު ކޮމިޓީ (އެމްއީއާރް-ސީ)ގެ ވޮލަންޓިއަރެއް ކަމަށްވާ ފިކްރީ ރޮފިއުލް ހައްގު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ އިޒްރޭލު ސިފައިން އެތައް ހަފުތާއެއް ވަންދެން ކެނޑިނޭޅި ދިން ބޮމުގެ ހަމަލާތަކަށް ފަހު އިންޑޮނޭޝިއާ ހޮސްޕިޓަލުގައި ބަލި މީހުން ފުރިފައިވާ ކަމަށެވެ.
"އިންޑޮނޭޝިއާ ހޮސްޕިޓަލުން އެކަނިވެސް 870 މީހުން މަރުވެ، 2530 މީހަކަށް ވަނީ އަނިޔާވެގެން ފަރުވާ ދީފަ. އަދިވެސް 164 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އެބަދޭ،" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ހައްގު ވިދާޅުވި އެވެ.
"އިންޑޮނޭޝިއާ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ، އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ކަރަންޓު ކެނޑުމާ ގުޅިގެން އެއްވެސް އަލިކަމެއް ނެތި އޮޕަރޭޝަންތައް ކޮށް ބަލި މީހުންނަށް ފަރުވާ ދިނުން ނޫން ގޮތެއް ޑޮކްޓަރުންނަށް ނެތް،" ހައްގު ވިދާޅުވި އެވެ.
ހައްގް ވިދާޅުވީ ހޮސްޕިޓަލަށް އެހީ ނުލިބުމަކީ ގޮންޖެހުމެއް ކަމަށާއި ނަމަވެސް އެމްއީއާރް-ސީ އިން ޣައްޒާގައި ތިބި އިންޑޮނޭޝިއާ މީހުންނާއި އެހެނިހެން އެހީދޭ ޖަމިއްޔާތަކުން ޑޮނޭޝަން ހޯދާފައިވާ ކަމަށެވެ. އަދި ވޮލަންޓިއަރުންނަށް އޮކްޓޯބަރު 19 އަދި އޮކްޓޯބަރު 24 ގައި ހޮސްޕިޓަލަށް ބައެއް ސާމާނު ފޯރުކޮށްދީފައިވާ ކަމަށެވެ.
"ބޭހާއި އެހެނިހެން މެޑިކަލް އިކުއިޕްމަންޓްތަކެއް އަޅުގަނޑުމެންނަށް ލިބުނީ، އެކަމަކު އަދިވެސް ސްޓޮކްގައި ނެތް ވަރަށް ގިނަ ބޭސް އެބަހުރި" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް