އިޒްރޭލުން ޣައްޒާއަށް ބިމުގެ މަގުން ވަދެގަންނަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ހަމާސް ޖަމާއަތުން ތިން އަސީރަކު ފެންނަ ވީޑިއޯއެއް އާއްމުކޮށްފިއެވެ.
އެ ވީޑިއޯއިން ފެންނަނީ މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހުންގެ ތެރެއިން އިޒްރޭލަށް ނިސްބަތްވާ ތިން އަންހެނެކެވެ.
އެ ވީޑިއޯ އާއްމުކުރަމުން ހަމާސް އިން ބުނެފައިވަނީ އެއީ އަސީރުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދޭން ބޭނުންވާ މެސެޖު ކަމަށެވެ.
"އަހަރެމެން މި ތިބީ ހަމާސްގެ އަތްދަށުގައި، މިއަދަށް މިވީ 23 ދުވަސް، އިއްޔެ އަހަރެމެންގެ އާއިލާތަކާއި ބައްދަލުކޮށް އަހަރެމެން މިނިވަންކޮށްދޭން ވައުދުވީ ގޮތަށް އެކަން ކޮށްދީ، އަދި ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ ގޮތަށް އެކަންވެސް ކޮށްދީ" އެތަނުން އެކަކު އެ ވީޑިއޯގައި ބުނެއެވެ.
އެ ވީޑިއޯގައި ވާހަކަ ދެއްކި އެކަކު ބުނަނީ އެމީހުން އަސީރުންނަށް ވާންޖެހުނީ ނަތަންޔާހޫގެ ނާގާބިލު ކަމުން ކަމަށާއި އެ ދުވަހު އެމީހުން ގެންދިޔައިރު އެހީތެރިވާނެ ބަޔަކު ނެތް ކަމަށެވެ. އެމީހުންގެ އަޑު އެދުވަހު އެއްވެސް މީހަކަށް ނީވުނު ކަމަށެވެ. އެއީ ނަތަންޔާހޫގެ ފެއިލްވުމެއް ކަމަށެވެ.
މީގެ އިތުރުން އިޒްރޭލުން ހައްޔަރުކޮށްފައިތިބި ފަލަސްތީނަށް ނިސްބަތްވާ ގައިދީން ދޫކޮށްލުމަށްވެސް އެ ވީޑިއޯގައި އެމީހުން އެދިފައިވެއެވެ. އަދި ނަތަންޔާހޫ ބޭނުންވަނީ އިޒްރޭލު ސިފައިން މެދުވެރިކޮށް އެމީހުން މަރަންތޯވެސް ސުވާލު އުފައްދާފައިވެއެވެ.
އެއް މިނެޓާއި 16 ސިކުންތުގެ އެ ވީޑިއޯ ނިމިގެންދިޔައީ "މިހާރުން މިހާރަށް" ގޮތެއް ނިންމުމަށް އެ ތިން އަންހެނުން އަޑު ހަރުކޮށް ނަތަންޔާހޫއަށް ގޮވާލުމާއި ހަމައިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް