ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފަލަސްޠީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށް ޖުމްލަ 565،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
އެމްޕީއެލްއިން ބުނެފައިވާގޮތުގައި މިއީ، އެމް.ޕީ.އެލްގެ ފަރާތުން ހަދިޔާކުރި ފައިސާ އާއި އެމް.ޕީ.އެލްގެ މުވައްޒަފުންގެ ފަރާތުން އެހީވުމަށް ހަދިޔާކުރި ފައިސާއެވެ.
އެގޮތުން، މި ފައިސާ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން ހިންގާ "ފަލަސްތީން ރިލީފް ފަންޑް" އާއި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ހިންގާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށެވެ.
އެމް.ޕީ.އެލް އާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފައިސާ ހަދިޔާކުރީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކަމުގައި އެމްޕީއެލްއިން ބުނެއެވެ.
އަދި މީގެ އިތުރުން، ފަލަސްޠީނަށް އެހީވުމުގެ ގޮތުން އެމް.ޕީ.އެލްގެ އެކި ސަރަޙައްދުތަކުގައި ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް ނިންމާފައިވާކަމަށާއި އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް