އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިޤާލީ މަރުޙަލާގެ ރޫޙަށް އިޙުތިރާމުކުރުމަށް އިލްތިމާސްކުރުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ އޮފީހުން މި އިލްތިމާސްކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާ ކަމަށާއި މި މަރުޙަލާގެ ރޫޙަކަށްވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުމެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ޤާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުންކަމަށެވެ.
"ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް މި މަރުޙަލާގައި ފެށުމާއި، މި ފަދަ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެކެވެ. އަދި، އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ޤާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ." އިންތިގާލީ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނެފައިވަނީ ވުމާއެކު، މި މަރުޙަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ޤާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުޢާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުން އެދޭކަމަށާއި އަދި މި ފަދަ މުޢާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިޤާލީ މި މަރުޙަލާގެ ރޫޙަށް އިޙުތިރާމުކޮށް، ކަމޭހިތުން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް