ޕީޕީއެމް މެންބަރުން ޕީއެންސީއަށް ފޯމު ފުރައިދޭކަށް ނުޖެހޭ: ރައީސް ޔާމީން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފޯމުފުރައިދޭން ނުޖެހޭ ކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ ބައްދަށް ލިބުނު ލު...

29 Oct 2023 | 19:17

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެންބަރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ފޯމުފުރައިދޭން ނުޖެހޭ ކަމުގައި ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ބައްދަށް ލިބުނު ލުޔާއެކު ލޯޔަލް ސަޕޯޓަރުންނާއި ރައީސް ޔާމީން މިރޭ ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން މިންވަރެއް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމް އަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި ޕާޓީގެ އަމާޒަކަށް ވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ ޕީޕީއެމްގެ ފިކުރު ވިއްކުން ކަމުގައި ރައީސް ޔާމީން ވިދާޅުވިކަމަށެވެ.

"އެއްވެސް މެންބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ، އެއީ އެއް ފިކުރެއްގެ ދެ ޕާޓީ، ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން ވަރަށް މަސައްކަތްކުރަންޖެހޭ" ރައީސް ޔާމީން ވިދާޅުވިކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީންގެ މިރޭގެ ބައްދަލުކުރެއްވުމުގެ ބައެއް މަންޒަރު މިރޭ ޗެނަލް 13 އިން ލައިވްކުރި އިރު އެ ބައްދަލުކުރެއްވުމުގެ އޯޑިއޯ ގެނެސްދީފައެއް ނުވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ބައިވެރިވި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު މަލީހް ޖަމާލް އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހިމެނިވަޑައިގެންނެވިއެވެ.

ރައީސް ޔާމީން މިރޭ އެމަނިކުފާނަށް ލޯޔަލް އަދި ގްރާސްރޫޓުގެ މެންބަރުންނާއި ބައްދަލުކުރައްވާފައިމިވަނީ ރައީސް ޔާމީންގެ ޖަލު ބަންދު ގޭބަންދަށް އަދި ގޭ ބަންދު މާލޭ ބަންދަށް ރޭގައި ބަދަލުކޮށްފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް