ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެ ދަށުގައިހުރި 770 ފުޅި ބަނގުރަލާއި 428 ދަޅު ބިޔަރު ނައްތާލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި މި ތަކެތި ނައްތާލާފައިވާ ކަމަށެވެ.
އެގޮތުން މި ތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރ 27 ވަނަ ދުވަހު ދަރަވަންދޫ އިކޯ ސެންޓަރުގެ ގޯތިތެރޭގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ ނައްތައިލާފައިވަނީ 770 ފުޅި ބަނގުރާ އަދި 428 ދަޅު ބިޔަރު ކަމަށެވެ.
އަދި މިތަކެއްޗަކީ މި އަހަރުގެ ޖަވަނަރީ މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން، ފުލުހުން ބުނީ ބަނގުރާގެ މައްސަލައެއްގައި ދަރަވަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ 20 ލީޓަރުގެ ހަމެއްގައިހުރި ބަނގުރާވެސް ނައްތާލާފައިވާ ކަމަށެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް