މާފުށީ ޖަލުގައި ތަމްރީނު ހަދަމުންދިޔަ ކަރެކްޝަނަލް ސާވިސްގެ އަންހެން އޮފިސަރަކު ގެނބިގެން ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެ އޮފިސަރު ނިޔާވީ، ކަރެކްޝަންގެ ވަޒީފާގައި ކުރިއަށް ދިއުމަށް ހަދަންޖެހޭ އަސާސީ ތަމްރީން ހަދަމުން ދަނިކޮށެވެ.
މިހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށީގައި ޓަމްރީނު ހަދަމުން ދިޔަ ކަރެކްޝަންސްގެ މުވައްޒިފަކު ގެނބިގެން މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 11:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. ނިޔާވެފައިވަނީ ދިވެއްސެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް