ގުއަންޓަނާމޯބޭ ޖަލު ބަންދުގައި ހުންނަތާ އެންމެ ގިނަ ދުވަސްވީ މީހާ ދޫކޮށްލައިފި

އެމެރިކާއިން ހިންގާ ގުއަންޓަނާމޯބޭ ޖަލުގައި ބަންދުކޮށްފައި ހުންނަތާ އެންމެ ގިނަ ދުވަސްވީ މީހާ ދޫކޮށްލައިފި އެވެ. އެއީ ޕާކިސްތާނުގެ އުމުރުން 75 އަހަރުގެ ސައިފުﷲ ޕަރާޗާ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމ...

30 Oct 2022 | 08:44

އެމެރިކާއިން ހިންގާ ގުއަންޓަނާމޯބޭ ޖަލުގައި ބަންދުކޮށްފައި ހުންނަތާ އެންމެ ގިނަ ދުވަސްވީ މީހާ ދޫކޮށްލައިފި އެވެ.

އެއީ ޕާކިސްތާނުގެ އުމުރުން 75 އަހަރުގެ ސައިފުﷲ ޕަރާޗާ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން ހައްޔަރު ކުރީ އަލްގައިދާ ގްރޫޕާއި ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި 2003 ވަނަ އަހަރު އެވެ.

ސައިފުﷲ ހައްޔަރު ކުރީ 2001 ވަނަ އަހަރު ސެޕްޓެމްބަރު 11 ގެ ހަމަލާ އާއި ގުޅިގެން އެމެރިކާއިން އިސްލާމީ ހަރުކަށި ޖަމާއަތްތަކާއި ދެކޮޅަށް ހިންގި ވަރުގަދަ އޮޕަރޭޝަންތަކުގައި އަލްގައިދާއަށް ފަންޑު ކުރާ ކަމުގެ ތުހުމަތުކޮށްފައި އެވެ. އޭނާ އަތުލައިގަތީ ތައިލެންޑުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި 19 އަހަރު ގުއަންޓަނާމޯބޭ ޖަލުގައި ހުންނަން ޖެހުނު އިރު އެމެރިކާއަށް ސައިފުﷲ އާއި އަލްގައިދާއާއި އާއި އޭރުގެ ލީޑަރު އުސާމާ ބިން ލާދިންނާއި އޮތް ގުޅުމާއި ފައިސާ ހަރަދު ކުރި ގޮތުގެ އެއްވެސް ހެއްކެތް ހޯދިފައެއް ނުވެ އެވެ. އެހެންވެ މިހާ ދުވަހު އޭނާ އާއި ދެކޮޅަށް އެއްވެސް ދައުވާއެއް އަދި ހުކުމެއްވެސް ނުކުރެ އެވެ.

އޭނާ މިނިވަން ކުރުމާއި އެކު ޕާކިސްތާން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެންމެ ފަހުން ސައިފުﷲ އާއި އާއިލާ ބައްދަލު ކުރެވޭނެ ދުވަހެއް އައުމުން އުފާ ކުރާ ކަމަށް ބުނެފައި އެވެ.

އޭނާގެ ގާނޫނީ ވަކީލު ވަނީ އެއްވެސް ކުށެއް ނެތި ޖަލުގައި ހުރި މީހަކު މިނިވަން ކުރަން އެހާ ދުވަސް ނެގުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. ވަކީލު ވިދާޅުވި އޭނާ މިނިވަން ކުރަން ނިންމިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ޖަލުން ނުކުމެވޭގޮތް މިވީ އޭގެ އަހަރެއް ފަހުން ކަމަށެވެ.

ސައިފުﷲ ހައްޔަރު ކުރުމަށް ފަހު އެންމެ ފުރަތަމަ 14 މަސް ދުވަހު ބެހެއްޓީ އެމެރިކާއިން އަފްގާނިސްތާނުގައި ހެދި ޖަލެއް ކަމަށްވާ ބަގްރަމްގައި އެވެ.

ސައިފުﷲ މިނިވަން ކޮށްފައި މިވަނީ ގުއަންޓަނާމޯބޭ ޖަލުގައި ތިބި ގައިދީން ދޫކޮށްލައި އެ ޖަލު ބަންދު ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ގިނަ ބަޔަކު ޕްރެޝަރު ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. އެ ޖަލަކީ ސެޕްޓެމްބަރު 11 ގެ ހަމަލާ އާއި ގުޅުން ހުރި ޓެރަރިސްޓުންނަށް ހާއްސަކޮށް ކިއުބާގެ އައްސޭރިފަށުގައި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ހިންގާ ޖަލެކެވެ.

އެޖަލުގައި އަދިވެސް 35 ގައިދީއަކު އެބަތިއްބެވެ. އޭގެ ތެރޭގައި އެމެރިކާއިން ބުނާ "ދަ ޕްރިންސިޕަލް އާކިޓެކްޓު އޮފް ދި9/11 އެޓޭކް" ހާލިދް މުހައްމަދުވެސް ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމީހުންވެސް ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިވަން ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް