ކޯވިޑުގެ ދެ ވެކްސިނަކުން މައްސަރު ދުވަސްވަރު މައްސަލަ ދިމާވާކަމަށް ދައްކައިފި

ކޯވިޑް19 އަށް ހާއްސަކޮށްގެން ބޭނުން ކުރަމުންދާ މޮޑާނާ އަދި ފައިޒާ ވެކްސިނުން އަންހެނުންނަށް މައްސަރު ދުވަސްވަރު މައްސަލަ ދިމާވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ. މިވޭތުވެދިޔަ އަހަރެއްހާ ދުވަހު ކޯވި...

30 Oct 2022 | 05:26

ކޯވިޑް19 އަށް ހާއްސަކޮށްގެން ބޭނުން ކުރަމުންދާ މޮޑާނާ އަދި ފައިޒާ ވެކްސިނުން އަންހެނުންނަށް މައްސަރު ދުވަސްވަރު މައްސަލަ ދިމާވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

މިވޭތުވެދިޔަ އަހަރެއްހާ ދުވަހު ކޯވިޑަށް ހާއްސަ ވެކްސިންތަކުން ދިމާވާ ސައިޑް އިފެކްޓުތަކުގެ ވާހަކަ އަކީ ދުނިޔޭގެ ހުރިހާ ގައުމެއް ދެއްކި އެންމެ ގިނަ ވާހަކައެވެ. އޭގެ ތެރޭގައި މިހާރު އާ މައްސަލައެއް ފާހަގަވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ)ގެ ތަޖުރިބާކާރުން ބުނީ އެ ދެ ބްރޭންޑުގެ ވެކްސިން ޖަހާފައިވާ އަންހެނުންނަށް މައްސަރު ދުވަސްވަރު މައްސަލަތައް ދިމާވަމުންދާ ކަމަށެވެ. އެގޮތުން ސްޕެޝަލިސްޓުންނަށް ދެއްކި ގިނަ އަންހެނުން މައްސަރު ދުވަސްވަރު އާދަޔާ ހިލާފަށް ގިނައިން ލޭ ފޭބުމުގެ މައްސަލަ ދިމަވަމުންދާ ކަމަށެވެ.

އެ މައްސަލަ ދިމާވަމުންދާ އަންހެނުންގެ ތެރޭގައި ފައިޒާ އާއި މޮޑާނާގެ ފުރަތަމަ، ދެ ވަނަ އަދި ބޫސްޓާ ދެ ޑޯޒު ޖެހި މީހުންވެސް ހިމެނެ އެވެ. އެ އެޖެންސީން ބުނީ އެ މައްސަލަތައް ދިމާވަނީ އެ ދެ ވެކްސިނުން ކަމަށް ނިންމަން ޖެހުނީ ވެކްސިން ދޭން ފެށި ފަހުން ޑޮކްޓަރަށް ދެއްކި މީހުންނަށް ދިމާވަމުންދާ މައިގަނޑު މައްސަލައަކީ އެއީ ކަމަށްވާތީ ކަމަށާއި އެ އެންމެންވެސް ޖަހާފައިވަނީ އެ ދެ ވެކްސިނަށް ވާތީ އެވެ.

އެކަމަކު މިފަދަ މީހުންނަށް މައްސަރު ދުވަސްވަރު ގިނައިން ލޭފޭބުމުން ދަރިމައިނުވުމާއި ބަނޑުގައި ކުއްޖާ އަށަގަތުމުގައި މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އެ އެޖެންސީ ވަނީ ކޯވިޑް ވެކްސިންގެ ސަބަބުން އެފަދަ މައްސަލަތައް ދިމާވުމަކީ ވިސްނަން ޖެހޭ ސީރިއަސް ކަމެއް ކަމަށް ބުނެފައި އެވެ.

މި މައްސަލަ ދިރާސާ ކުރަމުންދާ ފްރާންސް ނެޝަނަލް މެޑިސިން ސޭފްޓީ އެޖެންސީ (އޭއެންއެސްއެމް) އިން ވަނީ ދިރާސާގެ ބައެއް ބައިވެރިންނަށް ދިމާވަމުންދާ މައްސަލަތައް ހާމަކޮށްފައި އެވެ. އެއް އަންހެނަކު ބުނެފައިވާ ގޮތުގައި ކޯވިޑް ވެކްސިން ޖެހިފަހުން ހަ މަސް ވަންދެން މައްސަރުވުމުން އާދަޔާ ހިލާފަށް ގިނައިން ލޭ ފައިބަމުންދާ ކަމަށެވެ.

އެހެން މީހަކު ބުނީ ވެކްސިން ޖެހިފަހުން ކޮންމެ މަހަކު މައްސަރު ދުވަސްވަރު ގިނަ އަދަދަކަށް ލޭ ފައިބާ ކަމަށާއި އެކަމަށް ނިމުމެއް ނާންނަ ކަމަށެވެ. އިތުރު މީހަކު ބުނީ އެގޮތަށް ގިނައިން ލޭ ފައިބާއިރު އާދަޔާ ހިލާފު ތަދެއްވެސް އަރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް