މި ޒަމާނުގައި އަމިއްލަ އާއިލާއާއިއެކު އުޅުމަށްވެސް ގިނަ ބަޔަކު ނުރުހޭ ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހޮނިހިރުދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި ދަރުސްގައި، އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން، މި މައުޟޫއަށް ތަޤްރީރުކުރައްވަމުން ނެވެ.
މުފްތީ ވިދާޅުވީ އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިޙްސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީކަމަށާއި އެހެންކަމުން ތިމާއަކީ އެފަދަ މުޖުތަމަޢު ބަދަލުކޮށްލަދޭނެ، އަދި އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، އަޅާލުމާއި ލޯބި ލިބިގެންދާނެ މުޖުތަމައަކަށްވެގެންދާނެކަމަށެވެ.
އެހެންކަމުން އެފަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެން، އިސްލާމްދީނުގައި މިކަންކަން ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި އަންގާވާފައިވާކަން ބަޔާންކުރައްވަމުން، ދީނުގެމަތީގައި ސާބިތުވެ ތިބުމަށް ވެސް މުފްތީ ވަނީ އިރުޝާދުދެއްވާފަ އެވެ.
"މުސްލިމުންނަކީ މާތްﷲ ފިޔަވައި އިތުރު ފަރާތަކަށް އަޅުކަން ކުރުން ހައްޤުވެގެން ނުވާކަމަށް ހިތާއި ދުލުން ޤަބޫލުކުރާބަޔަކަށްވާއިރު އިސްލާމްދީނުގެ ރުކުންތަކުން އެންމެ ފުރަތަމަ ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައިން އެނގިގެންދަނީ އެކަން ކަމަށް. އެހެންކަމުން އިސްލާމްކަމަކީ ޝަހާދަތުގެ ދެކަލިމައިގައިވާގޮތަށް އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، ރައްކާތެރިކުރުން." މުފްތީ ވިދާޅުވި އެވެ.
ނަމާދުކުރުމުގައި ހުޝޫޢަތްތެރިވުމާއި މާތްﷲއަށް ކިޔަމަންތެރިކަމާއިއެކު ނަމާދުކުރުމަކީ އެމީހަކަށް ބާއްޖަވެރިކަން ލިބިގެންދާނެކަމެއް ކަމަށާއި އެހެންނަމަވެސް އެމީހަކު އެއީ ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ހަމައެކަނި ކަމަކަށް ކުރާކަމެއްނަމަ އެކަމުގައި އެއްވެސް ބަރަކާތެއް ނުވާނެކަމަށާއި ހަމައެފަދައިން ޒަކާތަކީ އޯގާތެރިކަމާއި ގުޅިފައިވާ އީމާންތެރިކަމުގެ ތަނބުކަން މުފްތީ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް