ކުޅިވަރު ދާއިރާ ރާއްޖޭގައި ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ޑރ. ހުސެން ހަލީމް(ކުޑަ ހުސެއިން)ގެ ފޮއްޓެއް ގެއްލި، އެ ފޮށި ނެގި މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އޭނާ އެދިއްޖެއެވެ.
ފޮށި ޓްރޮލީއަކަށް ލައިގެން މީހަކު ދާ މަންޒަރު ފެންނަ ދެ ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ކުޑަ ހުސެން ބުނެފައިވަނީ އެ ފޮޓޯއިން ފެންނަ މީހާއާއިގުޅޭ މައުލޫމާތެއް އެނގޭނަމަ އޭނާއަށް އެކަން އަންގާލަދިނުން އެދޭކަމަށެވެ.
ފޮށި ގެއްލުނު ހާދިސާ ދުވަހަށް ކިޔައިދެމުން ކުޑަ ހުސެން ބުނީ އޭނާގެ ފޮށި ގެއްލުނީ ގެ ބަދަލުވުމުގެ ތެރޭގައި ކަމަށާއި އޭގައި އަގު ނުކުރެވޭފަދަ ބައެއް ތަކެތި ހުންނާނެކަމަށެވެ.
"މިހާރު ދުނިޔެ ދޫކޮށްފައިވާ ކުރީގެ މަޝްހޫރު ބައެއް ލެޖެންޑްސްގެ އޮޓޯގްރާފްސް ހުންނާނެ، އޭގެތެރޭގައި ބޮކްސިން ތެޅުންތެރިޔާ މުހައްމަދު އަލީގެ އޮޓޯގްރާފް، ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ޑޮން ފްރެޑްމަންގެ އޮޓޯގްރާފް، އަދި 88 ވަނަ އަހަރާއި 92ގައި އޮލިމްޕިކް އައިޑެންޓިޓީ ކާޑުވެސް އޭގައި ހިމެނޭ" އޭނާ ކިޔާދިނެވެ.
މީގެ އިތުރުންވެސް ކުޑައިރު އެތުލެޓިކްސް މުބާރާތްތަކުގައި ބައިވެރިވެ ޑރ. ޒާހިރު ހުސެއިން ފިބައިން ސޮއިކޮށްފައި ހުރި ސެޓިފިކެޓްތަކާއި ތިން ގަޑިއަކާއި އަދިވެސް އަގު ނުކުރެވޭފަދަ އެތައް ވެލިއުއެބަލްސްއެއް އެ ފޮށީގައި ހުންނާނެކަމަށް ކުޑަ ހުސެން ކިޔާދިނެވެ.
"ވަރަށް އިތުބާރު ކުރެވޭ ބަޔަކާ މޫވް ކުރަންހަވާލުކުރީ، އެމީހުން އެކަން ކުރީވެސް ވަރަށް ރަނގަޅަށް، އެ ފޮށި އަސްލު ގެންދަން އުޅުނީވެސް އަމިއްލައަށް އެހެންނަމަވެސް ދިމާވި ކަމަކުން ފޮށިމަތިން ހަނދާން ނެތުނީ، އެކަމަކު ބަދަލުވި ގެ ކައިރިއަށްވެސް ފޮށި ގެންދިޔަ، އެހެންނަމަވެސް އެހެން ކަމެއް ދިމާވެ ފޮށި އެތެރެއަށް ނުވެއްދި ހުރީ، ހުއްޓާ އެމީހަކު އައިސް އެ ފޮށި ނަގައިގެން ދިޔައީ" ކުޑަ ހުސެން ކިޔާދިނެވެ.
އެގޮތުން އެ ފޮއްޓާއެކު ޕިކަޕެއްގެ މުދާ ބޭލި އިރު ހަނި ގޯޅިއެއްކަމުން މަގުން ސައިކަލަކަށް ނުދެވޭތީ މޫވް ކުރުމުގައި އުޅުނު ބިދޭސީއަކު އެ ފޮށި މަގުގެ އަނެއް ފަރާތައް ޖައްސާލުމުން އެ ފޮށި ނުވެއްދި ބެހެއްޓުނީ ކަމަށާއި ފޮށި ނެތްކަން އެނގުނީ ޖެހިގެން އައި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް އޭނާ ކިޔާދިނެވެ.
"ހުރިހާ ތަކެއްޗެއް މޫވްކޮށްފި ހުކުރު ދުވަހުގެ ހެނދުނު 11:45 ހާއިރު، ފޮށި ނެތްކަން މި އެނގުނީ އަނެއް ދުވަހުގެ ފަތިހު" ވީގޮތް ކިޔާދިނެވެ.
ދެން އެއާއެކު ދަންނަ އެކުވެރި ބައެއް ފުލުހުންނާއި އެހެނިހެން އެކުވެރިންގެ އެހީގައި ސީސީޓީވީ ފުޓޭޖްތައް ލިބި ފޮއްޓަށް ވީގޮތްވެސް އެނގު ކަމަށާއި އަދި އެ ފޮށި ނެގި މީހާއަކީ ފުލުހުންވެސް ދަންނަ، އަދި އެމީހަކު ނިދާ އުޅޭތަންވެސް ފުލުހުންނަށް އެނގޭ މީހެއް ނަމަވެސް އަދިވެސް އެމީހާ ހޯދިފައިވާކަމުގައި ކުޑަ ހުސެއިން ކިޔާދިނެވެ. ނަމަވެސް އޭގެ ތެރެއިން ސެންޓިމެންޓަލް ވެލިއު އެންމެ މަތި ގަޑި، ވިއްކާލަން އުޅުނުކަން ރައްޓެއްސެއްގެ ފަރާތުން އެނގި އެ ގަޑި ލިބޭގޮތްވެފައިވާކަން ފާހަގަކުރިއެވެ.
"އެ ގަޑި އެއީ ޕީއެޗްޑީ އަށް ކިޔަވަން އުޅުނު އިރު ބޭނުންކުރި ކާރު ވިއްކާލާފައި އަމިއްލަ ރިވޯޑެއްގެ ގޮތުގައި ގަތް، ގާތްގަނޑަކަށް ދިވެހި 30 ހާސް ރުފިޔާގެ އަގު ހުރި ގަޑިއެއް، ސެންޓިމެންޓަލް ވާ އަނެއް ސަބަބަކީ ފިރިހެން ދަރި ކައިވެނި ކުރާ ދުވަހު ހަދިޔާކުރަން އޮތް ގަޑި އެ ގަޑިއަކީ" އެ ގަޑި ވަކިން ހާއްސަވާ ސަބަބު ކިޔާދިނެވެ.
ދުވަހަށް މި މައުލޫމާތުތައް ފޯނުން ހިއްސާކުރަމުން ދަނިކޮށް ފޮށި ފެނުނު ކަމުގެ މެސެޖެއް ލިބުނުކަން ފާހަގަކުރިއެވެ. އަދި ފޮށީގައި ހުރި ކަރުދާސްތައް ފިޔަވައި އިތުރު ވެލިއުއެބަލްސް އެއް ފޮށީގައި ނެތްކަން އެމެސުގައިވާކަމުގައިވެސް ބުންޏެވެ. އެ ފޮއްޓަކީވެސް އޭގެ ޒާތުގައި އަގުހުރި ފޮއްޓަކަށްވަނީ އެކި ދަތުރުތަކުގައި ބޭނުންކުރި ފޮށިކަމަށްވެފައި ދަތުރުތަކުގެ ސްޓިކާތަކާއި ހަނދާންތައް އެ ފޮށީގައި ހުރުމެވެ.
ކުޑަ ހުސެން ބުނީ މި ހާދިސާއިން އޭނާއަށް އިބުރަތެއް ހާސިލުވެފައިވާކަމަށާއި ފަސް ވަގުތު، ބަންގި ގޮވުމާއެކު ޖަމާއަތުގައި ނަމާދުކުރުމަކީ އަބަދުވެސް ގޯލެއްކަމުގައި ދެކޭއިރު އެ ގޯލު ހާސިލުކުރުމަށް މީ ލިބުނު ފިލާވަޅެއްކަމުގައި ކުޑަހުސެއިން ފާހަގަކުރިއެވެ.
"ފަސް ވަގުތު ނަމާދު ކުރަން، އެހެން ނަމަވެސް ބަންގި ގޮވުމާއެކު ޖަމާއަތުގައި ނަމާދަށް އަރަން މީ ލިބުނު ފިލާވަޅެއް، މީގެ އިތުރުން ނުހައްގު ގޮތުންނާއި ނާޖާއިޒް ގޮތްގޮތުން މަތީ މަގާމުތަކުގައްޔާއި މުއްސަނދީންގެ ގޮތުގައި ދަންނަ ބައިވަރު ރައްޓެހިންވެސް އެބަ ތިބި، އެމީހުންގެ ތެރެއިން އެކި މީހުންނަށް މިލިޔަނުން ގެއްލުންތައްވެސް ވެފައި އެބަހުރި، އެކަމަކު އެމީހުން ވޭކަޕެއް ނުވޭ، މީ އެގޮތަށް އަހަރެން ވޭކަޕް ވާން ލިބުނު ފިލާވަޅެއްކަމުގަ ދެކެނީ، މިލިޔަން ޑޮލަރުގެ ލޯންޗެއް ގެއްލުންފަދަ އަގު ނުކުރެވޭ ވެލިއުއެބަލްސް އެ ގެއްލުނީ" ކުޑަ ހުސެން ފާހަގަކުރިއެވެ.
މީގެ އިތުރުން މުދާ ގިނަކޮށްގެން އުޅުމުގެ ބަދަލުގައި މުދާ މަދުކުރުމަކީވެސް މި ލިބުނު ފިލާވަޅުން ހާސިލުކުރަން ބޭނުންވާ އިބުރަތެއް ކަމަށާއި އެގޮތުން ގެންގުޅޭ ފޮތްތަކުގެ 70 އިންސައްތަ ބަހާލައި، ގެންގުޅޭ އަންނައުނާއި އެހެނިހެން އެފަދަ ތަކެތީގެ 40 އިންސައްތަ، ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާކުރަން ނިންމާފައިވާކަންވެސް އޭނާ ފާހަގަކުރިއެވެ.
"60 ފޮށިން 30 ފޮއްޓަށް މަދުކޮށްލުން އަމާޒަކީ" ކުޑަ ހުސެން ބުންޏެވެ.
ފޮށި ގެންދިޔަ މީހާ އަދިވެސް ފެނިފައިނުވާއިރު ކުޑަ ހުސެން އެދެނީ އެމީހޯ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށެވެ. އެއީ އެ ތަކެއްޗަށް ވާސިލުވެވޭނެ ޒަރީއާއަކީ އެމީހާކަމަށް ވުމެވެ. ދިމާވި މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ރަހުމަތްތެރިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމުގައިވެސް ކުޑަހުސެން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް