ކުރީގެ ރެޕަރ ކަންޔޭ ވެސްޓްގެ ޓްވިޓާ އެކައުން އަލުން އަނބުރާ އޭނައަށް ލިބިއްޖެއެވެ.
ޔަހޫދީންނާ ދެކޮޅަށް ވާހަކަތަކެއް ދެއްކުމުގެ ސަބަބުން ކަންޔޭގެ ޓްވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފައިވަނީ މިމަހުގެ ކުރީކޮޅެވެ. ނަމަވެސް އޭނާގެ އެކައުންޓު މިދިޔަ ހުކުރު ދުވަހު އަލުން އަނބުރާ ވަނީ އޭނައަށް ލިބިފައެވެ. އޭނާގެ ޓްވިޓާ އެކައުންޓު އިންނަނީ "ޔޭ" ގެ ނަމުގައެވެ.
ކަންޔޭގެ ޓްވިޓާ އެކައުންޓު އަލުން އަނބުރާ ލިބުމުން ގިނަ ބަޔަކު ވަނީ އެކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެއީ ޓްވިޓާގެ މިހާރުގެ މަސްއޫލުވެރިޔާ އެލޮން މަސްކު ކުރި ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެލޮން ބުނީ ކަންޔޭއަށް އޭނާގެ ޓްވިޓާ އެކައުންޓު އަލުން ހޯދައި ދިނުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
އެލޮން ބުނީ ކަންޔޭއަށް އޭނާގެ ޓްވިޓާ އެކައުންޓު އަނބުރާ ދިނުމުގެ މަސައްކަތް ޓްވިޓާއިން ކޮށްފައިވަނީ 44 ބިލިއަން ޑޮލަރަށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ޓުވިޓާ ގަތުމުގެ ކުރިން ކަމަށެވެ.
"ކަންޔޭއަށް އޭނަގެ އެކައުންޓު އަނބުރާ ދީފައިވަނީ އަހަންނަށް އެއްވެސް ވަރަކަށް ނާންގާ، އަހަންނާ އެކަމާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ވެސް ނެތި" އެލޮން ބުނެފައިވެއެވެ.
ޓްވިޓާގައި މިހާރު ވެސް ކަންޔޭގެ 30 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަ ތިއްބެވެ. ނަމަވެސް ފާއިތުވީ މަސް ތަކުގައި އެހެން ސެލެބްރިޓީންނަށް ފުރައްސާރަ ކުރުމުގެ ގޮތުންނާއި އެނޫން ވެސް މީހުންގެ މެދުގައި މައްސަލަ ޖެހޭނެފަދަ ގޮތަށް ފާޅުގައި ކަންޔޭ މީސްމީޑިއާގައި ބަސް ބުނަމުން ދިޔުމުގެ ސަބަބުން، މިހާރު އެތައް ބައެއްގެ ނުރުހުން އޭނާއަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް