ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ދެކުނަށް ވިއްސާރަކުރާނެކަމަށާއި މެދުރާއްޖެއަށް ކެރީގެ އަސަރު ކުރިނަމަވެސް އުތުރަށް މޫސުން ރަނގަޅުވާނެކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު، ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމުގައި މެޓުން ބުނެފައިވެއެވެ. ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދު، އުތުރާއި މެދުރާއްޖޭގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.
ދެކުނަށް މިއަދުވެސް މޫސުން ގޯސްކަމަށް ބުނެފައިވާއިރު ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް