ވިލާ ކޮލެޖުން އަންނަ އަހަރުގެ ކޯސްތަކަށް ކުރިމަތިލާއިރު ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ދަށްވެގެން ޑިޕްލޮމާ ފެންވަރު ހުންނަންޖެހޭކަމަށް ސިވިލް ސާވިސް އިން ކަނޑައަޅާފައިވާ މުވައްޒަފުންނަށް ޚާއްސަ ފުރުސަތުތަކެއް ވިލާ ކޮލެޖްގައި އެބަހުރި ކަމަށް އެ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވެއްޖެއެވެ.
ވިލާ ކޮލެޖުގެ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް މިއަދު އެ ކޮލެޖްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަންވަރު ވިދާޅުވީ ވިލާކޮލެޖުން އަބަދުވެސް މަސައްކަތްކުރަނީ ގައުމަށް އެވަގުތު ބޭނުންވާ އެންމެ މުހިއްމު ދާއިރާތަކުން ތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަ އެއް ކޯހަކީ ޑިޕްލޮމާ އިން އެޗްއާރު ކަމަށާއި އެ ކޯހަށް ކުރިމަތިލުމަށް ބޭނުންވަނީ އެޑްވާސް ސެޓްފިކެޓެއް ކަމަށް ވިލާކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވިއެވެ.
" ސިވިލް ސާވިސްގެ މުވައްޒަފަކީ ކޮންމެ ލެވެލްއެއްގައި ހުރި މުވައްޒަފަކަށް ވިޔަސް އެހިސާބުން ކުރިއަށް ގެންދެވޭނެ. ސެޓްފިކެޓް ލެވެލް 4 ނެތިއްޔާ އެ ހިސާބުން ކުރިއަންގެންދެވިދާނެ" ޑރ. އަލީ ނަޖީބް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ މުވައްޒަފަކު ހުރި ފެންވަރަކުން ކުރިއަށްދެވޭނެ މަގު ވިލާކޮލެޖުން ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި އެ މަސައްކަތްކުރާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވިލާ ކޮލެޖުން ވަނީ އިންފޮމޭޝަން ޓެކްނޮލަޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމެންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރިޢާ، ލޯ، އިސްލާމް، ގުރުއާން، ހިއުމަންރިސޯސަސް މެނޭޖްމެންޓް، އެކައުންޓިން، ޕަބްލިކް ހެލްތް، އޭސީސީއޭ، ރިސާރޗް އަދި މެރިން ސްޓަޑީޒް ދާއިރާ ހިމެނޭ ގޮތަށް ޖުމްލަ 74 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފާއެވެ. މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަސް ލެވެލްގެ ކޯސްތައް ހިމެނެއެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 17 ޑިސެންބަރު 2017 ކަމަށް ވިލާކޮލެޖުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް