ސައުތު އޭޝިއަން ޕާޓްނާޝިޕް ސަމިޓް އެންޑް ބިސްނެސް އެކްސެލެންސް އެވޯޑްސްގެ ޝަރަފުވެރި އެވޯޑެއް އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމަށް ލިބިވަޑައިގެންފި އެވެ.
ބަންގްލަދޭޝްގެ ޑާކާގައި ރޭ ބޭއްވި ސައުތު އޭޝިއަން ޕާޓްނަރޝިޕް ސަމިޓް އެންޑް ބިޒްނަސް އެކްސެލެންސް އެވޯޑް ދިނުމުގެ ހަފްލާގައި ހަލީމަށް ލިބިވަޑައިގަތީ ލީޑަޝިޕް ކެޓަގަރީގެ އިންފްރާންސް ސްޓްރަކްޗާ އެންޑް ލޮޖިސްޓިކް އެވޯޑް - ބެސްޓް ސީއީއޯގެ އެވޯޑެވެ.
މި އެވޯޑަކީ ދެކުނު އޭޝިއާގައި ފާހަގަކުރެވޭ ވިޔަފާރި ކުންފުނިތަކާއި ވިޔަފާރި މެނޭޖްމެންޓްގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑަށް ހޮވެ ފަރާތްތައް ކަނޑައަޅާފައި ވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމާއި ހަވާލުވުމުގެ ކުރިން ހަލީމް ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި އެ ދެ ކުންފުނީގައި މަސައްކަތްކުރެއްވިއިރު ސަރުކާރުގެ ސިޔާސަތުގެ ދަށުން، އަދި ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އެ ދެކުންފުނި ހިންގެވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ރިކޯޑް ފައިދާ އެއް ނެރެދެއްވާފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް