އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން ބަލިވެ މެޑްރިޑް 8 ޕޮއިންޓް ފަހަތަށް

ސްޕެނިޝް ލީގުގެ މި ސީޒަންގައި އަލަށް ވާދަކުރާ ޖިރޯނާއަށް ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ ރިއަލް މެޑްރިޑް، ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާއަށްވުރެ 8 ޕޮއިންޓް ފަހަތަށް ވެއްޓިއްޖެއެވެ. މި ހ...

30 Oct 2017 | 05:41

ސްޕެނިޝް ލީގުގެ މި ސީޒަންގައި އަލަށް ވާދަކުރާ ޖިރޯނާއަށް ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ ރިއަލް މެޑްރިޑް، ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާއަށްވުރެ 8 ޕޮއިންޓް ފަހަތަށް ވެއްޓިއްޖެއެވެ.

މި ހަފުތާގައި ބާސެލޯނާއިން އެތުލެޓިކޯ ބިލްބާއޯ ބަލިކޮށް ދެ ވަނައިގައި އޮތް ވެލެންސިއާގެ މައްޗަށް 4 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް މެޑްރިޑްގެ މައްޗަށް 8 ޕޮއިންޓްގެ ލީޑެއް ނަގާފައިވަނިކޮށް ރިއަލް މެޑްރިޑުން ރޭ ކުޅުނު މެޗުން މޮޅު ނުވެވުމުން ބާސާގެ ލީޑު ހަނިކުރަން ލިބުނު ފުރުސަތު ގެއްލި، ލީގުގައި ވަނީ ނުރަނގަޅު ފައްތަރަކަށް ވެއްޓިފައެވެ.

ސިޔާސީ ސަބަބުތަކާހެދި މަޝްރަޙު ހޫނުވެފައިވާ ކެޓެލޯނިއާއަށް ނިސްބަތްވާ ޖިރޯނާއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ރިއަލް އިން ރޭ ނުކުތްއިރު، ޖިރޯނާއިން ވަނީ މެޗު ފެށުނީއްސުރެ ވަރަށް ބޮޑަށް ކުރިއަށްޖެހި "ހައި ޕްރެސިން" ގޭމް އެއް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން ރިއަލް މެޑްރިޑަށް ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު، ޖިރޯނާއިން ފުރަތަމަ ހާފުގައިވެސް ލީޑު ނެގުމާއި ގާތަށް ދިޔައެވެ. ނަމަވެސް ޕަބްލޯ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވެފައި ނުކުތުމުން ރިއަލް މެޑްރިޑުން އުފެއްދި އަވަސް ކައުންޓާ އެޓޭކެއްގައި ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ކީޕަރު ދިފާއުކޮށް ފޮނުވާލުމުން، އެ ބޯޅަ އެއް ބުރުން ގޯލަށް ފޮނުވާލައިގެން އިސްކޯ ރިއަލް އަށް ލީޑު ނަގައިދިނެވެ.

މެޗުގެ 54 ވަނަ މިނިޓުގައި ޖިރޯނާއަށް އެއްވަރު ކޮށްދިނީ ކްރިސްޓިއަން ސްޓުއާނީއެވެ. އޭގެ ހަތަރު މިނިޓު ފަހުން ޕޯޓޫ ޖެހި ލަނޑާއެކު ޖިރޯނާއިން ލީޑު ނެގިއިރު، ޒިދާން ވަނީ ދެ ފުލްބެކުން ކަމަށްވާ އަކްރަފް ހަކީމީ އާއި މާސެލޯގެ ބަދަލުގައި އަރިމަތިން ކުރިއަށް ކުޅޭ އެސެންސިއޯ އާއި ވަޒްކުއޭޒް ކުޅެން ނެރެފައެވެ. އެހެން ނަމަވެސް ރިއަލް މެޑްރިޑަށް ރަނގަޅު އެޓޭކެއް އުފެއްދޭގޮތް ނުވެ މެޗު ނިމުނީ ޖިރޯނާއަށް ތާރީޚީ މޮޅެއް ލިބިގެންނެވެ.

މިއީ ވޭތުވެ ދިޔަ 27 އަހަރުގެ ތެރޭގައި ރިއަލް މެޑްރިޑް، ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ހަމަ މިއާއެކު ރިއަލް މެޑްރިޑުން ރަށުން ބޭރުގައި ބަލިނުވެ ދަމަހައްޓަމުން އައި ދިގު ރެކޯޑަށްވެސް ވަނީ ނިމުން އަހިސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް