އުސްފަސްގަނޑާ ދިމާ ބޭރުގައި ކަނޑުގައި ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރު ވެލަސްފަރުގޭ އިބްރާހިމް ޖައުހަރީ (ޖައުހަރު) ކަމަށް ފުލުހުން ބުނެފިއެވެ.
ނިޔާވި އިރު ޖައުހަރުގެ އުމުރަކީ 62 އަހަރެވެ.
ޖައުހަރަކީ އެމްޑީޕީގެ ހަރަކާތްތަކުގެ ފޮޓޯ އެ ޕާޓީއަށް ނަގާދިނުމުގައި ހަރަކާތްތެރިވި އަދި ނޫސްވެރިކަމުގައި މިނިވަން ނޫހުގެ ރިޕޯޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވި ފަރާތެކެވެ. އަދި މިފަހުންވެސް ބައެއް އިވެންޓްތައް ކަވަރު ކުރުމުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި ޖައުހަރު ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ.
ނޫސްވެރިކަމާ އެކްޓިވިޒަމްގެ އިތުރުން ޖައުހަރަކީ ދޮންނަ މެޝިނާއި މޯޓަރުފަދަ ތަކެތި މަރާމާރތުކޮށްގެން އާމްދަނީ ހޯދަމުގައިވެސް ހަރަކާތްތެރިވި މީހެކެވެ.
ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާގެ ބައްޕަ ކަމުގައިވާ ޖައުހަރު މި ފަހުން ގެންދިޔައީ ނަފްސާނީ އަދި ޖިސްމާނީ ބައްޔަކަށް ބޭސްކުރަމުން ކަމުގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި އުސްފަސްގަނޑާ ދިމާ ކަނޑުން ނިޔާވެފައިވާ މީހަކު ފެނުނީ މިއަދު ހަވީރު 05:00 ހާއިރުގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް