އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ކުރިއށްގެންދިޔަ ބޮޑު އޮޕަރޭޝަން: ނަމްބަރުތައްވެސް ބޮޑު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށް ހުޅުމާލޭ ދެ ފިޔަވަހީގައި އިމިގްރޭޝަނުން އިއްޔެ ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަންގެ ނަމްބަރުތައް...

30 Sep 2024 | 06:20

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށް ހުޅުމާލޭ ދެ ފިޔަވަހީގައި އިމިގްރޭޝަނުން އިއްޔެ ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަންގެ ނަމްބަރުތައް ހާމަކޮށްފިއެވެ.

އެގޮތުން އިމިގްރޭޝަނުން ބުނެފައިވަނީ 200 އަށްވުރެ ގިނަ އޮފިސަރުންނާއި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޕީއޭއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިސަރުން ހިމެނޭހެން އިއްޔެ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި އިއްޔެ ހަވީރު 04:00 އިން 06:00 އަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 314 ތަން ބަލައިފާސްކޮށް 769 ބިދޭސީންނާ ސުވާލު ކުރެވުނު ކަމަށެވެ.

"ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ވަނީ އިމިގްރޭޝނަށް ހާޒިރުވުމަށް ނޯޓިސް ދީފައެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާ 92 ދިވެހި (ވަޒީފާ ދޭ ފަރާތް) އަށް ވަނީ ލިޔުމުން ނަސޭހަތް ދީފައެވެ. އަދި ދެވުނު ނޯޓިސް އާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަމި ފަރާތްތަކާއިމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ހުޅުމާލޭގައި ކުރިއަށްދިޔަ މި އިންސްޕެކްޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިކަމަށާއި އަދި މި ހަރަކާތާއި ގުޅިގެން ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުންނަށް ފިޔަވަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރުކުރުވުމަކީ މި އިންސްޕެކްޝަންގެ މައިގަނޑު އެއް މަގްސަދު ކަމަށާއި މި އިންސްޕެކްޝަނުން ހޯދޭ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވޭނެ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިކަމަށެވެ.

އިމިގްރޭޝަންގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށްގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމުގައި އިމިގްރޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް