އެމްޑީޕީގެ މެމްބަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރޭ: ނަޝީދު

އެމްޑީޕީގެ މެމްބަރުންނަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީރެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ނަޝީދު އެފަދައިން އެދިވަޑައިގަންނަވާފައި މިވަނީ، ރިޔާ...

30 Sep 2023 | 15:27

އެމްޑީޕީގެ މެމްބަރުންނަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީރެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ނަޝީދު އެފަދައިން އެދިވަޑައިގަންނަވާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ނިމި ވޯޓު ގުނަން ފަށާފައި ވާއިރު، އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނެކަން ޔަގީންވުމާ ގާތަށް ދިއުމުންނެވެ.

ނަޝީދު ވިދާޅުވީ، ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ ސަޕޯޓަރުންނާއި މެމްބަރުންނަށް ބަދުބަސްބުނެ ފުރައްސާރަ ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ގުނަން ފަށާފައި ވާއިރު، މިހާތަނަށް ކުރީގައި އުޅުއްވަނީ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރޭގެ 8:00އާ ހަމަޔަށް އާއްމު ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، 586 ފޮށީގެ ތެރެއިން މިހާތަނަށް ގުނާފައިވާ 355 ފޮށީގެ ނަތީޖާއަށް ބަލާއިރު، ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައި ވަނީ 54.2 އިންސައްތައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 45.8 އިންސައްތައެވެ.

އެހެންކަމުން ޑރ. މުއިއްޒުގެ ސަޕޯޓަރުން މިހާރު ނިންމާފައި ވަނީ، ޕީޕީއެމް/ޕީއެންސީއަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި ހަވީރު 05:00ގައި ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 03 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 04 ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް