ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، މިހާރު ވޯޓުލީ މީހުންގެ އަދަދު ނޭނގެނީ ހަމައެކަނި ޔޫކޭގައި ބަހައްޓާފައިވާ ފޮށިން ކަމަށެވެ. އަދި މިހާތަނަށް 245،390 މީހުން ވޯޓު ލާފައިވާ ކަމަށެވެ.
އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 86.77 އިންސައްތައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް ދަށް ވުމުން، ދެވަނަ ބުރުގައި ވަނީ ވޯޓުލާ ވަގުތު އިތުރުކޮށްފައެވެ.
އީސީއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގެ ވޯޓުލުން ހިނގާ ދިޔަ ގޮތާމެދު އެކި ފަރާތްތަކުން ހުށަހަޅާފައިވާ ރިޕޯޓްތަކަށް ބަލައި، ދެވަނަ ބުރެއްގައި ރަނގަޅު ކުރަންވީ ކަންކައްތަމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ނިސްބަތް، ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު، ދަށް ކަމަށް ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އެހެންކަމުން އީސީގެ ލަފާދޭ ކޮމިޓީގެ މަޝްވަރާއާއެކު އީސީން ނިންމާފައި ވަނީ، ދެވަނަ ބުރެއްގެ ވޯޓުލުން ކުރިއަށް ގެންދާނީ ސެޕްޓެމްބަރު30 ވަނަ ދުވަހުގެ ހެނދުނު8:00 ން ހަވީރު5:00 ށް ކަމަށެވެ. އެހެންކަމުން ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ވޯޓުލެވޭ ވަގުތު އެއް ގަޑިއިރު އިތުރު ވާނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބަކީ، މިހާތަނަށް ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލާ ވަގުތު ހަމަވިއިރު ފާހަގަވި ކަމަކީ، 2008 ވަނަ އަހަރުގެ ފަހުން އެންމެ މަދުން މީހުން ވޯޓުލީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކަމެވެ. އެގޮތުން ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ ވޯޓު ލެވޭ އާބާދީގެ ގާތްގަނޑަކަށް 79 އިންސައްތަ މީހުންނެވެ. މީގެ ކުރީގެ އިންތިހާބު ތަކުގައި ވޯޓުލީ އަދަދުތައް:-
2008 – 86.5 އިންސައްތަ ވޯޓު ލީ
2013 – 91.4 އިންސައްތަ މީހުން ވޯޓު ލީ
2018 – 89.2 އިންސައްތް މީހުން ވޯޓު ލީ
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން ނިމުނުއިރު، ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް