އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ލަފާކޮށް، އެމަނިކުފާނުގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ކިޔަން ފަށައިފިއެވެ.
މިރޭގެ 7:20އާ ހަމަޔަށް އާއްމު ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، މިވަގުތު ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒުއެވެ.
އެގޮތުން 686 ފޮށީގެ ތެރެއިން މިހާތަނަށް ގުނާފައިވާ 225 ފޮށީގެ ނަތީޖާއަށް ބަލާއިރު، ޑރ. މުއިއްޒުއަށް ލިބިވަޑައިގެންފައި ވަނީ 54.5 އިންސައްތައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 45.5 އިންސައްތައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 08:00 އިން ފެށިގެން ހަވީރު 05:00 އާއި ހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ. ފުރަތަމަ ބުރަށްވުރެ މި ބުރުގައި 12 ވޯޓު ފޮއްޓެއް އިތުރުކޮށްފައިވާއިރު ވޯޓުލާ އަދަދަށްވެސް ވަނީ 409 މީހަކު އިތުރުވެފައެވެ. ޖުމްލަ ވޯޓުލާނެ އާބާދީގެ އަދަދަކީ 282804 އެވެ. އިންތިހާބުގެ ކަންކަމުގައި ޖުމްލަ 5286 އޮފިޝަލުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް އިން ބުނެއެވެ. އަދި ހަވީރު 05:00ގައި ވޯޓު ކިޔު ބަންދުކުރާނެ ކަމަށާއި ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 03 ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 04 ޑރ. މުހައްމަދު މުއިއްޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް