ވޯޓު ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އޭގެ ތެރެއިން ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށާއި، މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ގދ. ވާދޫ ގައި ވޯޓު ފަޅާލި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާ ކަމަށެވެ.
ލ. ފޮނަދޫ ޕޯލް ސްޓޭޝަނެއްގައި ހަރަކާތްތެރިވި އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައިދޭ މައްސަލަ ފެންމަތިވެފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލައިގާ ބަލަންޖެހޭ ކަންކަން ބަލަމުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލާފައި ވަނީ، ރަށު ކައުންސިލްގެ އިހުމާލުން ވޯޓު ނުލެވުނު މީހެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވެއެވެ.
“ދުވަސް” އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، އެމީހާއަށް ވޯޓު ނުލެވުނީ، ކައުންސިލްގެ އިހުމާލުން، އައިޑީކާޑު ނުލިބިގެން ކަމަށެވެ. އެހެންކަމުން ވޯޓުލާން ގޮސް، ނުލެވުމުން އެކަމުގެ ރުޅީގައި ވޯޓު ފޮށި ފަޅާލީ ކަމަށެވެ.
މިހާރު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައިކަން ފާހަގަ ކުރައްވައި ހަބީބް ވިދާޅުވީ، އޭނާކުރީ އިންތިހާބީ ކުށަކާ ޖިނާއީ ކުށެއް ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ ފޮށި ފަޅާލާފައި ވަނީ ވޯޓުލާން ދިޔަ މީހެއް ކަމަށެވެ. އެ މައްސަލަ ރިޕޯޓު ކޮށްފައި ވާތީ ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށް ފުލުހުން ބުންޏެވެ.
“މައްސަލައާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފަ” ފުލުހުން ބުނެފިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް