ތިލަމާލޭ ބްރިޖްގެ ތަނބެއްގެ ފޮޓޯއާއެކު، އެންމެންވެސް ވޯޓު ލުމުގެ ހައްގު އަދާކުރުމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓިމް) ހަނދާންކޮށްދީފިއެވެ.
ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ފަށާ، އަދި ނުނިމިވާ މަޝްރޫއުއެކެވެ.
މިސަރުކާރުގެ މުހިންމު ވައުދެއް ކަމަށްވާ ބްރިޖުގެ އެގްރިމެންޓުގައި ސޮއިކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅުގައެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެ.
ދިވެހި ސަރުކާރާއި އެފްކޮން އިންފްރާސްޓްރަކްޗާއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. މާލެ ތިލަފުށީ ލިންކް ބްރިޖުން މާލެ، ވިލިމާލެ އަދި ގުޅީ ފަޅާއި ތިލަފުށީ ގުޅާލާނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހެދޭ އެންމެ ދިގު ބްރިޖަށް ވާނެ އެވެ.
މި ލިންކުގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި، ދެ މަގާއި، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ގާއިމު ކުރެވޭނެ އެވެ.
މި ލިންކުގައި ހިމެނޭ ކޮންމެ ބްރިޖެއްގައި ވެސް ކަނޑު އުޅަނދުފަހަރަށް ދަތުރުކުރެވޭ ގޮތަށް ނެވިގޭޝަން ބްރިޖް ބައެއް ހިމެނޭނެ އެވެ. މިއީ 70 މީޓަރު ފުޅާ 12 މީޓަރު އުސް މިނުގައި ކޮންމެ ކަނޑުއޮޅިއެއްގައި ގާއިމު ކުރެވޭ ބްރިޖްތަކެކެވެ. މިތަނުގެ ދަށުން ބޮޑެތި މަސް ދޯނިފަހަރަށާއި، މުދާ އުފުލާ ދޯނިފަހަރާއި، ބާޖުތަކަށް ދަތުރުކުރެވޭނެ އެވެ. އެކަމަކު އެއްވެސް ސައިޒެއްގެ އާގުބޯޓަކަށް ދަތުރެއް ނުކުރެވޭނެ އެވެ.
މި މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނާއި އެ ގައުމުގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންންނެވެ. އެގޮތުން، ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރު ހޭދަ ކުރާއިރު އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ އެވެ.
ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރު ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް