ކުރަހާފައި ވޯޓު ކަރުދާސް ދިންކަމަށް ބުނާ މައްސަލަ ހައްލުކޮށް، އަލުން ވޯޓުލާން ފަށާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ވޯޓުލާ ތަނުގައި ތިބޭ އޮފިޝަލުން ކުރަހާފައި ވޯޓު ކަރުދާސް ދޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ލ. ފޮނަދޫގައެވެ.
ޕީޕީއެމްއިން ބުނީ، ލ. ފޮނަދޫގައި ހުރި އެރަށު 3 ނަންބަރު ވޯޓު ފޮށީގެ ވޯޓު ކަރުދާސް ދޫކުރަން އިން ކުއްޖާ، ވޯޓު ކަރުދާހުގައި ކުރަހާފައި ކަރުދާސް ދޫކުރާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.
އެހެންކަމުން އެކަން އީސީގެ ސަމާލުކަމަށް ގެނެސް، އަދި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ޕީޕިއެމްއިން ބުންޏެވެ.
އެކަމާ ގުޅިގެން އީސީއިން ބުނެފައި ވަނީ، ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލުގެ އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި، އެހެންކަމުން ކަރުދާސް ދޫކުރާއިރު ފާހަގަ ޖެހުމުގެ ފުރުސަތެއްވެސް ނޯންނާނެ ކަމަށެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ލ. ފޮނަދޫ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓު ކަރުދާހެއްގައި މާކެއް ހުރި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އަހިސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު، މަރުކަޒުގެ ވެރިޔާއަށް ދީފައިވާނެ ކަމަށާއި ވީހާވެސް އަވަހަކަށް ވޯޓުލުން އަލުން ފަށަން ދަންނަވާފައި ވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އޭގެ އިތުރުން ހަބީބް ވިދާޅުވީ، ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލުގެ އަތުގައި ގަލަމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ވޯޓު ކަރުދާސް ދޭއިރު ފާހަގަ ޖެހުމުގެ ފުރުސަތުވެސް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް