ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރއަށް ދާއިރު، %86 މީހުން ވޯޓު ލާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު އަދަދެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދެވަނަ ބުރުގައި ވޯޓު ލުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ޓާންއައުޓް އަޅުގަނޑަށް ފެނުނީ ފުރަތަމަ އެއް ގަޑިއިރު ތެރޭގަ ރަނގަޅު ކަމަށް. އަޅުގަނޑު ހިތުން މިހާރު އެ ޓްރެންޑް ހުރިކަމަށް ވަންޏާ، 85، 86 ޕަސެންޓް ވޯޓު ލާނެ ކަމަށް ފެންނަނީ" ރައީސް ވިދާޅުވިއެވެ.
އެންމެ ރަނގަޅީ 88 އިންސައްތަހާ މީހުން ވޯޓުލާން ނުކުރުންތައް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، 86 އިންސައްތަ މީހުން ވޯޓުލީ ނަމަވެސް އެއީ ނަތީޖާ ކާމިޔާބު ކުރުމަށް ރަނގަޅު އިންސައްތައެއް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ މިހާތަނަށް ރާއްޖޭގައި އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމަށް ތަފާސްހިސާބު ތަކުން ދައްކައެވެ.
ވޯޓުލާ ވަގުތު ހަމަވިއިރު ފާހަގަވި ކަމަކީ، އިންތިހާބުގެ ފުރަތަމަ ބުރަކީ 2008 ވަނަ އަހަރުގެ ފަހުން އެންމެ މަދުން މީހުން ވޯޓުލީ އިންތިހާބު ކަމެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ވޯޓު ލާފައި ވަނީ ވޯޓު ލެވޭ އާބާދީގެ ގާތްގަނޑަކަށް 79 އިންސައްތަ މީހުންނެވެ. މީގެ ކުރީގެ އިންތިހާބު ތަކުގައި ވޯޓުލީ އަދަދުތައް:-
2008 – 86.5 އިންސައްތަ ވޯޓު ލީ
2013 – 91.4 އިންސައްތަ މީހުން ވޯޓު ލީ
2018 – 89.2 އިންސައްތް މީހުން ވޯޓު ލީ
ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން ނިމުނުއިރު، ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ. އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގެ ފުރަތަމަ ބުރުގައި ފަސް ޕާޓީއަކުން ފަސް ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ އަށް ކެނޑިޑޭޓުން ވާދަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް